އަލް މަސްޖިދުލް އަޤްޞާ އާއި، އެ މިސްކިތް ހިމެނޭ ރަށާއި، އެ ރަށުގެ އަހުލުވެރިންނަށް ލިބެމުންދާ ގެއްލުންތަކުން އެ މިސްކިތްތަކާއި، އެ ބަރަކާތްތެރި ރަށާއި، އެރަށުގެ އަހުލުވެރިން ސަލާމަތް ކުރުމަށް އަހަރެމެން މުސްލިމުން ގަދައަޅައި މަސައްކަތް ކުރަންޖެހޭނެ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
މިއަދުގެ ޚުޠުބާގެ މައުލޫ އަކީ ''މަސްޖިދުލް އަޤްޞާގެ މާތްކަން'' އެވެ.
މިސްކިތްތަކަކީ މި ބިން މަތީގައި އެންމެ މާތް ބިނާކަން ފާހަގަކޮށް، ޚުޠުބާގައި ބުނެފައި ވަނީ މާތްﷲގެ ހަޟުރަތުގައި ވަކިން ހާއްސަކޮށް މާތްކަން ބޮޑު ތިން މިސްކިތެއް ވާކަން ކީރިތި ޤުރުއާނާއި މާތް ރަސޫލާގެ ސުންނަތުން އެނގެން އޮންނަ ކަމަށެވެ. އެ މިސްކިތްތަކަކީ މާތްވެގެންވާ މައްކާގައި ހުންނަ މަސްޖިދުލް ޙަރަމް އާއި އަލް މަދީނަތުލް މުނައްވަރާގައި ހުންނަ މަސްޖިދުލް ނަބަވީ އަދި ފަލަސްތީންގެ ގުދުސްގައިވާ މަސްޖިދުލް އަޤްޞާ ކަމަށް ޚުޠުބާގައި ބުނެފަވެއެވެ.
މީގެ ތެރެއިން އަޤްޞާ މިސްކިތަކީ މުސްލިމުންގެ ފުރަތަމަ ގިބުލަ ކަމާއި، މާތް ރަސޫލާ ހިޖުރަ ކުރެއްވުމަށްފަހު ވެސް ސޯޅަ މަސް ވަންދެން (ގެފުޅަށް ގިބުލަ ބަދަލުކުރައްވައިފުމަށް ދަންދެން) އަޤްޞާ އާއި ދިމާއަށް ކުރިމަތިލައި ހުންނަވައި މާތް ރަސޫލާ އާއި އެންމެހާ މުސްލިމުން ނަމާދުކޮށްފައިވާކަން ޚުޠުބާގައި ބުނެފަވެއެވެ.
އަޤްޞާ މިސްކިތުގެ މާތްކަން
''އިސްރާ އާއި މިއުރާޖުގެ ދަތުރާ ބެހޭގޮތުން މާތްﷲ ވަހީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ. ''އެކަނލާނގެ ހުސްތޯހިރުވަންތަ ކަމާއެވެ. އެކަލާނގެއީ މަސްޖިދުލް ޙަރަމް އާއި މަސްޖިދުލް އަޤްޞާއަށް ރޭގަނޑުގެ ބައެއްގައި އެކަލާނގެ އަޅާ، ރޭގަނޑުގެ ބަޔެއްގައި ގެންދެވި ރަސްކަލާނގެއެވެ. އެއީ އެތަން ވަށައިގެން ތިމަން ރަސްކަލާނގެ ބަރަކާތްލެއްވި ތަނެވެ. (އެއީ) ތިމަންކަލާނގެ ކުޅަދުންވަންތަ ކަމުގެ ހެކިތަކުން ބަޔެއް އެކަލޭފާނަށް ދެއްކެވުމަށްޓަކައެވެ. ހަމަކަށަވަރުން އެކަލާނގެއީ މޮޅަށް އައްސަވާ ވޮޑިގެންވާ، މޮޅަށް ބައްލަވާ ވޮޑިގެންވާ ރަސްކަލާނގެއެވެ.'' (އަލް އިސްރާއު 1)
އަޤްސާ މިސްކިތް ހުރި ބިމުގެ މާތްކަން އަންގައިވައި އަދިވެސް މާތްﷲ ވަހީ ކުރައްވާފަވެއެވެ. ''އަދި ތިމަންރަސްކަލާނގެ އެކަލޭފާނާއި، ލޫތުގެ ފާނު ސަލާމަތް ކުރައްވައި އާލަމު ތަކަށްޓަކައި، ތިމަންރަސްކަލާނގެ ބަރަކާތްލެއްވި ބިމަށް ފޮނުވީމެވެ.'' (އަލް އަންބިޔާއު 71)
މީގެ އިތުރުން ވެސް އަޤްޞާ މިސްކިތް ހުންނަ ބިމަކީ މާތްﷲ މާތް ކުރައްވައި، ބަރަކާތް ލައްވާފައިވާ ބިމެއްކަން ހާމަކުރައްވަމުން މާތްﷲ ވަޙީ ކުރައްވާފަވެއެވެ. ''އަދި ތިމަން ރަސްކަލާނގެ ސުލައިމާނުގެ ފާނަށް ވައިރޯޅި ގަދަޔަށް ޖެހޭގޮތުގައި، ޚިދުމަތްތެރި ކުރެއްވީމެވެ. ތިމަން ރަސްކަލާނގެ އެ ބިމުގައި، ބަރަކާތްލެއްވި ބިމަށް، އެކަލޭފާނުގެ އަމުރުފުޅަށް އެވައިރޯޅި، ހިނގައިދާ ގޮތުގައެވެ. އަދި ތިމަން ރަސްކަލާނގެ ކޮންމެ ކަމެއްވެސް ދެނެވޮޑިގެން ވަމެވެ.'' (އަލް އަންބިޔާއު 81)
ޚުޠުބާގައި ބުނެފައި ވަނީ މި އާޔަތްތަކުން އަލް ގުދުސްއާއި އަޤްޞާ މިސްކިތް ވަށައިގެންވާ ބިމުގެ މާތްކަން ދޭހަކޮށްދޭ ކަމަށެވެ.
އަލް ޤުދުސް އަކީ މާތްވެގެންވާ އިބްރާޙީމްގެ ފާނާއި، އެކަލޭފާނުގެ ދަރިފަސްކޮޅުން ވަޑައިގެންނެވި ގިނަ ނަބިޔުންގެ ފަސްގަނޑުކަން ބަޔާންކޮށް، އެއީ ސަލާމްލެއްވި ދާއޫދުގެ ފާނުގެ ވެރިކަމުގައި އެކަލޭފާނު ވެރިކަން ކުރެއްވި ވެރިރަށްކަން ޚިޠުބާގައި ވަނީ ބުނެދީފައެވެ. އަދި އެއީ އެކަލޭފާނުންގެ ލޮބުވެތި ދަރިކަލުން ސުލައިމާން ޢަލައިހިއްސަލާމްގެ ބޮޑު ވެރިކަން ހިނެގެވި ބިންކަން ކަމަށާއި، ސުލައިމާންގެ ފާނުގެ ވެރިކަމަކީ އިންސާނިއްޔަތުދުއް އެންމެ ބާރުވެރި، އެފަދަ ދެވަނަ ވެރިކަމެއް ދުނިޔެ ނުދެކޭވަރުގެ ވެރިކަމެއްކަމަށް ޚުޠުބާގައި ބުނެފަވެއެވެ.
އަގްސާ ހުންނަ ބިމަކީ ޔަހޫދީންގެ ތަނެއް ނޫން
އިސްވެ ދެންނެވުނު އެންމެހާ ބޭފުޅުންނަކީ މުސްލިމުން ކަމަށާއި، ތައުހީދުގެ އިމާމުންކަން ބަޔާންކޮށް، އެހެންކަމުން އަގްސާ ހުންނަ ބިމަކީ ޔަހޫދީން ނުވަތަ ޒަޔަނިސްޓުންގެ ތަނެއް ގޮތުގައި ތާރީޚީގޮތުން ވެސް އަދި ދީނީގޮތުން ވެސް ކަނޑައެޅެން ނެތްކަމަށާއި، އަގްސާ އަކީ މުސްލިމުންގެ ޙައްޤެއްކަމަށް ޚުޠުބާގައި ބަޔާންކޮށްފަވެއެވެ.
ކީރިތި ޤުރުއާންގައި މާތްﷲ ވަޙީ ކުރައްވާފަވެއެވެ. '' ޔަހޫދީއެއްކަމުގައި ނުވަތަ ނަސްރާނީއެއް ކަމުގައި ވެސް އިބްރާހީމްގެފާނު ނުވެއެވެ. އަދި ކިއެއްތަ! އެކަލޭފާނު ވަނީ ބާޠިލުމަގުން އެއްކިބާވެ، ޙައްޤު ދީނަށް ތަބާވެގެންވާ މުސްލިމެއް ކަމުގައެވެ. އަދި ޝަރީކުކުރާ މީހުންގެ ތެރޭގައި ވެސް އެކަލޭފާނު ނުވެއެވެ. ހަމަކަށަވަރުން މީސްތަކުންތެރެއިން އިބްރާޙީމްގެ ފާނަށް (ނިސްބަތްވުމުގައި) އެންމެ އައުލާކަންބޮޑީ، އެކަލޭފާނަށް ތަބާވީ މީހުންނާއި، މި ނަބިއްޔާއާއި، (އެބަހީ މުޙައްމަދުގެ ފާނަށް) އީމާންވި މީހުންނެވެ. މާތްﷲ އީ އީމާންވި މީހުންނަށް އެހީތެރިވެ، ވާގިވޮޑިގެންވާ ރަސްކަލާނގެއެވެ.'' (އާލް އިމްރާން 66-68)
ހިންގަނީ ނަސްލު ނައްތާލުމުގެ އަނިޔާވެރި ހަރަކާތެއް، އަގްސާއާއި އަގްސާ ހުރި ބިމާ އެތަނުގެ އަހުލުވެރިން ހިމާޔަތްކުރަންޖެހޭނެ
މިއަދު އަޤްޞާ މިސްކިތާއި، އެ މިސްކިތް ހިމެނޭ ބިން އަލް ޤުދުސް ވަނީ ޔަހޫދީންގެ އިސްތިއުމާރުގެ ދަށުގައި ކަމަށާއި، އެމީހުން ދަނީ އެތަން ތަޅާލައި، އެތަނުގެ ހުރުމަތް ކަނޑާލުމަށް ތަފާތު ޢަމަލުތައް ހިންގަމުން ކަމަށް ޚުޠުބާގައި ބުނެފައިވާއިރު، ޔަހޫދީން ދަނީ އެ ބިމުގެ އަހުލުވެރިންނަށް ހަމާލާތައްދީ ނަސްލު ނައްތާލުމުގެ އަނިޔާވެރި ހަރަކާތް ހިންގަމުންކަމަށާއި، އެކަންކަން ހަރުކަށި އިބާރާތުން ކުއްވެރިކުރާކަމަށް ޚުޠުބާގައި ވަނީ ބުނެފައެވެ.
މަސްޖިދުލް އަޤްޞާ އަކީ މުސްލިމުންގެ އަޤީދާ އާއި ގުޅިފައިވާ މުޤައްދަސް ތަނެއް ކަމަށާއި، އަލް މަސްކިދުލް ޙަރަމް އާއި ނަބަވީ މިސްކިތްދެކެ ލޯބިވާ ފަދައިން، އަޤްޞާ މިސްކިތަކީ ވެސް އަހަރެމެންގެ ހިތްތަކުގައި މަތިވެރި ގަދަރެއް ދެވިފައިވާ ތަނެއްކަން ޚުޠުބާގައި ބުނެފަވެއެވެ.
''އެ މިސްކިތާއި، އެރަށާއި، އެރަށުގެ އަހުލުވެރިންނަށް ލިބެމުންދާ ގެއްލުންތަކުން، އެ މިސްކިތާއި، އެ ބަރަކާތްތެރި ރަށާއި، އެ ރަށުގެ އަހުލުވެރިން ހިމާޔަތް ކުރުމަށް އަހަރެމެން މުސްލިމުން ގަދައަޅައި މަސައްކަތް ކުރަންޖެހޭނެއެވެ.'' ޚުޠުބާގައި ބުނެފަވެއެވެ.