މިއަހަރު ސެޕްޓެމްބަރު މަހު އޮތް ރިޔާސީ އިންތިޚާބުން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކެންޑިޑޭޓް، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ބަލިވާން މެދުވެރިވެ އެންމެ ބޮޑު ސަބަބަކީ ސަރުކާރުގެ ބައެއް ވަޒީރުންނާއި، ބައެއް ކުންފުނިތަކުގެ ވެރިން ކަންކުރިގޮތުން ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ.
ވެރިކަމުގައި ތިބެ އެމްޑީޕީން ނުކުތީ އެއް ބުރުން އިންތިޚާބު ކާމިޔާބު ކުރުމަށެވެ. އެމްޑީޕީގެ މުޅި ކެމްޕޭންގައި ވެސް އިސްކުރި މައި ގަނޑު އެއް އަޒުމަކީ އެޔެވެ. ނަމަވެސް ސެޕްޓެމްބަރު 9 ވަނަ ދުވަހު އޮތް އިންތިޚާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް ޞާލިޙަށް 86،161 ވޯޓާ އެކު ލިބިވަޑައިގަތީ އިންތިޚާބުން ދެވަނަ އެވެ. އެއީ ވޯޓު ލީ މީހުންގެ 39.05 އިންސަތަ ވޯޓެވެ. މި ބުރުން ކުރި ހޯއްދެވި އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޢިއްޒު ވަނީ ވޯޓު ލީ މީހުންގެ 46.06 އިންސަތަ ވޯޓާއެކު 101،635 ވޯޓު ހޯއްދަވާފައެވެ. އެހެންކަމުން އިންތިޚާބުގައި ޖެހުނީ ދެވަނަ ބުރަކަށް ދާށެވެ. ދެވަނަ ބުރުގައި ވެސް އެމްޑީޕީއަށް ކާމިޔާބެއް ނުހޯދުނެވެ.
އިންތިޚާބުން ބަލިވެފައި ވަނިކޮށް މެންބަރު ރާޢީ އެކްސްގައި ޚިޔާލު ފާޅުކުރައްވަމުން ވިދާޅުވެފައި ވަނީ ރިޔާސީ އިންތިޚާބުން އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް ޞާލިޙް ބަލިވުމުގެ އެއްމެ ބޮޑު އަސްލަކީ ސަރުކާރުގެތިއްބެވި ބައެއް ވަޒީރުންނާއި ބައެއް ކުންފުނިތަކުގެ ވެރިން، މަޖިލިސް މެމްބަރުންނާއި އަދި އާއްމު ރައްޔިތުންމީހާއާއި ދެމެދަށް ވެސް އަމިއްލަ ޒާތީ މައްސަލަތަށް އިސްކޮށް ބަދަލުހިފުމުގެ ރޫޙްގައި ކަންކަންކުރުން ކަމަށެވެ.
2023އިންތިޙާބުން MDPގެ ކެންޑިޑޭޓް ބަލިވުމުގެ އެއްމެ ބޮޑު އަސްލަކީ ސަރުކާރުގެތިއްބެވި ބައެއް ވަޒީރުންނާއި ބައެއް ކުންފުނިތަކުގެ ވެރިން،މަޖްލިސް މެމްބަރުންނާއި އަދި އާއްމު ރައްޔިތުންމީހާއާއި ދެމެދަށްވެސް އަމިއްލަ ޒާތީ މައްސަލަތަށް އިސްކޮށް ބަދަލުހިފުމުގެ ރޫޙްގައި ކަންކަންކުރުމެވެ.
— Mohamed Raee / Makunudhoo Constituency (@Mraee12) October 18, 2023
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އޮތީ ސެޕްޓެމްބަރު 30 ގައެވެ. ދެވަނަ ބުރުގައި އެމްޑީޕީ ބަލިވީ ވޯޓުލީ މީހުންގެ 45.96 އިންސަތަ (109،868) ވޯޓާ އެކުގައެވެ. މޮޅުވި އިންތިޚާބީ ރައީސް ޑރ. މުޢިއްޒަށް 54.04 އިންސައްތަ (129،159) ވޯޓު ލިބިވަޑައިގަތެވެ.
މި އިންތިޚާބުގައި ރާއީ ނިސްބަތްވެވަޑައިގަންނަވާ މަކުނުދޫ ދާއިރާއިން ވަނީ އެމްޑީޕީއަށް އެދެވޭ ކާމިޔާބެއް ލިބިފައެވެ. މިގޮތުން ރާޢީ ނިސްބަތްވެވަޑައިގަންނަވާ ކުމުންދޫން ދެ ބުރުގައި ވެސް އެމްޑީޕީން ވަނީ މެޖޯރިޓީ ހޯދާފައެވެ. ރައީސް ޞާލިޙަށް ފުރަތަމަ ބުރުގައި ކުމުންދޫން 45.44 އިންސައްތަ ވޯޓު ލިބިވަޑައިގަތްއިރު ދެވަނަ ބުރުގައި 53.21 އިންސައްތަ ވޯޓު ހޯދާފަވެއެވެ.
ނޭކުރެންދޫން ފުރަތަމަ ބުރުގައި 53.74 އިންސައްތަ ރައީސް ޞާލިޙަށް ލިބިވަޑައިގަތްއިރު ދެވަނަ ބުރުގައި 59.29 އިންސައްތަ ވޯޓު ވަނީ ހޯއްދަވާފައެވެ. މި ދާއިރާއިން ދެ ބުރުގައި ވެސް އެމްޑީޕީއަށް މެޖޯރިޓީ ގެއްލުނީ މަކުނުދޫންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!