ފަލަސްތީނުގެ ރައްޔިތުންނަށް އަމާންކަމާއި ރައްކާތެރިކަން ދިނުމަށް އެދި ފަރުޟު ކޮންމެ ނަމާދެއްގައި ގުނޫތު ކިޔަން އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ކައުންސިލްތައް ފޮނުވި ސާކިއުލާއެއްގައި ބުނީ އިސްރާއީލްގެ ޔަހޫދީންގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް ލިބޭ އަނިޔާތަކާއި ލާއިންސާނީ އަމަލުތަކުން ސަލާމަތްކޮށް، އަމާންކަމާއި ކެތްތެރިކަމާއި ރައްކާތެރިކަން ދެއްވުމަށް އެދި ފަރުޟު ކޮންމެ ނަމާދެއްގައި ގުނޫތު ކިޔަން ހަމަޖައްސާފައިވާ ކަމަށެވެ.
އެހެންކަމުން ހުރިހާ ނަމާދެއްގެ ފަހު ރަކުއަތުގައި އިއުތިދާލުގައި ގުނޫތު ކިޔަން އިސްލާމިކް މިނިސްޓްރީން އެދިފައިވެއެވެ.
މި މަހުގެ 7 ވަނަ ދުވަހު ފަލަސްތީނަށް ދެމުން އަންނަ ހަމަލާތަކާ ގުޅިގެން ރާއްޖޭގައި އެންމެ ފުރަތަމަ ގުނޫތު ކިޔަން އެންގީ މިދިޔަ ބުދަ ދުވަހުއެވެ. ނަމަވެސް އޭރު ގުނޫތު ކިޔަން އަންގާފައި އޮތީ ރޭގަނޑުގެ ނަމާދުތަކުގައި އެކަންޏެވެ.
ހެލްތު މިނިސްޓްރީން އެންމެ ފަހުން ހާމަކުރި އަދަދުތަކަށް ބަލާއިރު، އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު ވަނީ 3،400 އަށް އަރައިފައެވެ. މި ހަމަލާތަކުގައި 12،500 އަށް ވުރެ ގިނަ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ.
ހަމާސްގެ ހަމަލާތަކުގައި އިސްރާއީލުން 1،400 އަށް ވުރެ ގިނަ މީހުން ވަނީ މަރާލައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!