ފަލަސްތީނުގެ ޣައްޒާގައި ހުންނަ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) ގެ ގުދަނަކަށް އިޒްރާއީލުން ހަމަލާދީ ބިމާ ހަމަކޮށްލައިފިއެވެ.
މިއީ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމުގައި ހަރަކާތެރިވާ ރާއްޖޭގެ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)ން ފަލަސްތީނުގެ ޣައްޒާގައި ހުންނަ ގުދަނެކެވެ.
ބޭރުގެ ހަބަރުތައް ބުނާ ގޮތުގައި މިހަމަލާއަކީ އެ ޖަމިއްޔާގެ ވެއަރ ހައުސް އަކަށް ސީދާ އަމާޒުކޮށް އިސްރާއީލުން ފޮނުވާލާފައިވާ ހަމަލާއެކެވެ. އަދި މި ހަމަލާގައި ވެއަރ ހައުސް އެއްކޮށް ހަލާކުވެފައިވާ ކަމަށް ރިޕޯޓުތައް ވަނީ ބުނެފައެވެ.
އެކި މަސްދަރުތަކުން ބުނާ ގޮތުން އެ ގުދަނުގައި 2،000 ރަޖާގެ އިތުރުން ވަގުތުން ކެވޭގޮތަށް ތައްޔާރު ކުރެވިފައިވާ 1،000 ޕެކް އާއި އަންނައުނު 3000 ޕެކް ހުއްޓެވެ. އަދި އެ ހުރިހައި އެއްޗެއް ހަމަލާގެ ސަބަބުން ގެއްލިފައިވާ ކަމަށް ބުނެއެވެ.
މީގެ އިތުރުން އެ ޖަމިއްޔާގެ މުވައްޒަފުން ދަތުރު ކުރަމުން ދިޔަ ވެހިކަލަކަށް ވެސް އިސްރާއީލުން ހަމަލާދީފައިވާ ކަމަށާއި އެހެންނަމަވެސް މިއިން އެއްވެސް ހަމަލާއެއްގައި މީހެއްގެ ފުރާނަޔަށް ގެއްލުން ވާވަރުގެ އަނިޔާއެއް ނުވާ ކަމަށް ވަނީ ބުނެފައެވެ.
ޔަހޫދީން ޣައްޒާއަށް ދެމުންދާ ހަމަލާތަކަށް 11 ދުވަސްވެފައިވާއިރު، ޣައްޒާގެ ގިނަ ތަންތަނާއި އާއްމުން ދިރިއުޅެމުންދާ ތަންތަނަށް ބޮން އަޅާ ވަނީ ސުންނާފަތިކޮށްލަާފައެވެ. އަދި އެ ސިޓީގައި ފެނާއި ކަރަންޓާއި ކާބޯތެކެތި ލިބޭނެ މަގު ވަނީ ބަންދު ވެފައެވެ.
މި ހަމަލާތަކުގައި ޣައްޒާގެ އެތައް އާއިލާއެއް ވަނީ ޝަހީދުވެފައިވާއިރު، މިހައިތަނަށް ޣައްޒާގެ 2،700 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!