ކޮލެޖެއްގެ ގޮތުގައި، މެދުނުކެނޑި ހިންގާތާ 10 އަހަރު ވެފައިވާ ތަންތަން ޔުނިވާސިޓީއަކަށް ބަދަލުކުރެވޭ ގޮތަށް، މަތީ ތައުލީމުގެ ގާނޫނަށް އިސްލާހު ގެންނަން އިހަވަންދޫ ދާއިރާގެ މަޖިިސް މެމްބަރު މުހައްމަދު ޝިފާއު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
އޭނާ ހުށަހެޅުއްވި ބިލުގައިވަނީ މަތީ ތައުލީމުދޭ މަރުކަޒަކަށް ޔުނިވާސިޓީއެއްގެ ދަރަޖަ ދިނުމަށް، އެ މަރުކަޒަކީ ރާއްޖޭގައި ކޮލެޖެއްގެ ގޮތުގައި މެދުނުކެނޑި ހިންގަމުން އަންނަތާ މަދުވެގެން 10 އަހަރުވެފައިވާ މަރުކަޒެއް ކަމުގައިވުމާއި ނުވަތަ ބޭރު ގައުމެއްގައި އެ ގައުމެއްގެ ސަރުކާރުން ބަލައިގަންނަ ޔުނިވާސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީވެ، ހިންގަމުން އަންނަތާ ފަސް އަހަރުވެފައިވާ މަރުކަޒަކަށް ވުން ހިމެނެއެވެ.
އެ ބިލުގައި މިގޮތަށް ފާސްވެ، ގެޒެޓްކުރުމާ އެކު އެގޮތަށް ޢަމަލުކުރަން ފަށާ ގޮތަށް ވެސް ވަނީ ހުށަހަޅުއްވާފައެވެ.
މިހާރު ގާނޫނު އޮންނަ ގޮތުން ޔުނިވާސިޓީއަކަށް ބަދަލުކުރެވެނީ ކޮލެޖެއްގެ ގޮތުގައި މެދުކެނޑުމެއް ނެތި ހިންގަމުން އަންނަތާ މަދުވެގެން 20 އަހަރުވެފައިވާ ތަަންތަނަށެވެ. އަދި ރާއްޖެއިން ބޭރުގެ ގައުމެއްގައި އެ ގައުމެއްގެ ސަރުކާރުން ބަލައިގަންނަ ބޭރު ގައުމެއްގެ ޔުނިވާސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީވެ ހިންގަމުން އަންނަތާ 10 އަހަރުވެފައިވާ ތަންތަނަށެވެ.
މި ބިލު ހުށަހަޅުއްވާފައިވާިއރު، ފައިބެއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވެސް މިފަދަ ބިލެއް ވަނީ މަޖިލީހަށް ހުށަހަޅުއްވާފައެވެ.
ތުލުސްދޫ ދާއިރާގެ އަމިއްލަ މެމްބަރު އިބްރާހިމް ނަސީމް އޭރު ހުށަހަޅުއްވާފައިވަނީ ކޮލެޖެއްގެ ގޮތުގައި މެދުކެނޑުމެއް ނެތި ހިންގާތާ 15 އަހަރުވުމުން ޔުނިވާސިޓީއަކަށް ބަދަލުކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށެވެ. އެހެންނަމަވެސް އެމްޑީޕީން އޭރު ވަނީ ބިލު ފާސްނުކޮށް، މަޖިލީހުން ބޭރުކޮށްލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!