އިރުމަތީ ޣައްޒާގައި ދިރިއުޅެމުންދާ 1.2 މިލިއަން ޢާއްމު ރައްޔިތުން 24 ގަޑިއިރު ތެރޭ ޣައްޒާގެ ދެކުނަށް ބަދަލުވުމަށް އިސްރޭލުގެ ސިފައިން އެންގި އެންގުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.
ދިވެހި ސަރުކާރުން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޣައްޒާގައި ދިރިއުޅެމުންދާ ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރޭލުން ކުރިއަށް ގެންދާ އަސްކަރީ ހަމަލާތައް އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ. އަދި ސަލާމަތްތެރިކަމާއި އެނބުރި އާދެވޭނެކަމުގެ ގެރެންޓީއަކާނުލައި މިފަދަ ކަމެއް ކުރުވުމަކީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށްވާ މަޖުބޫރުން ހިޖުރަކުރުވުން ކަމަށެވެ. އެހެންކަމުން އެއަމުރު ބަދަލުކުރަންޖެހޭ ކަމަށް އެ ބަޔާނުގައި ވިދާޅުވިއެވެ.
ރާއްޖޭގެ ސަރުކާރުން ގަބޫލުކުރާގޮތުގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ އުދުވާންތަކަކީ ބައިނަލްއަގުވާމީ އަދި އިންސާނީ ހައްގުތަކާ ބެހޭ އެންމެހައި ގާނޫނުތަކާ ހިލާފަށް ހިންގާ ހަނގުރާމައިގެ ޖަރީމާތަކެއް ކަމަށް ވެސް ބަޔާނުގައި ވެއެވެ.
ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ހަމަލާތައް ވަގުތުން ހުއްޓުވުމަށް މަޖުބޫރުކުރުވައި ޣައްޒާއަށް މިހާރުން މިހާރަށް ބޭނުންވާ ބޭހާއި ކާބޯތަކެއްޗާއި ޟަރޫރީ ބޭނުންތަކަށް ބޭނުންވާނެ ތަކެތި ފޯރުކޮށްދިނުމަށް އިންސާނިއްޔަތުކަމުގެ ކޮރިޑޯއެއް ހުޅުވުން ކަށަވަރުކުރުމަށް ބާރުއެޅުމަށް ވެސް ބައިނަލްއަގުވާމީ މުޖުތަމައަށް ދިވެހި ސަރުކާރުން ވަނީ ގޮވައިލާފައެވެ.
މީގެ އިތުރުން ފަލަސްޠީނުގެ ރައްޔިތުން އެބައިމީހުންގެ ވަކި ދައުލަތެއް އުފެއްދުމަށާއި އެބައިމީހުންގެ ހައްގުތައް ކަށަވަރުކުރުމަށް ކުރިއަށްގެންދާ ޖާއިޒު މަސައްކަތްތަކުގައި ފަލަސްޠީނުގެ ރައްޔިތުންނަށް އެއްވެސް ޝަރުތަކާނުލައި ތާއީދުކުރުންމަތީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން ތިބިކަން ވަނީ ތަކުރާރު ކުރައްވާފައެވެ.
ހަމަމިއާއެކު ދިވެހި ސަރުކާރުން ގަބޫލުކުރާ ގޮތުގައި ފަލަސްޠީނުގައި ހިނގަމުންދާ ހަމަނުޖެހުމަށް ދެމިގެންދާނެ އަދި ދެމެހެއްޓެނިވި ޙައްލެއް ހޯދޭނީ 1967 ގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް އެކުލެވިފައިވާ، އިރުމަތީ ޤުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައެޅިފައިވާ މިނިވަން އަދި މުސްތަޤިއްލު ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރެވިގެން ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
ހަނގުރާމަވެރިންނާއި އާންމުންނާ ތަފާތުކުރުމެއްނެތި ދެމުންދާ ހަމަލާތަކުގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން އެތައް ސަތޭކަ ބަޔަކު ޝަހީދުވެފައިވާއިރު، އިތުރު އެތައް ހާސް ބަޔަކު ވަނީ ޒަޚަމްވެފައެވެ.
ހަމައެއާއެކު، މި ހަމަލާތަކުގައި ހޮސްޕިޓަލުތަކާއި ސްކޫލުތައް ހިމެނޭހެން މުހިއްމު ހިދުމަތްތައް ފޯރުކޮށްދޭ ތަންތަނާއި އ.ދ.ގެ ޢިމާރާތްތަކާއި ޢާއްމުން ދިރިއުޅޭ ޢިމާރާތްތަކާއި އަޅުކަންކުރާތަންތަން ސުންނާފަތިވެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!