ފަލަސްތީނުގެ ބިންތަކަށް ގަދަކަމުން ވެރިވެގަނެގެން އުޅޭ އިސްރާއީލްގެ ލާއިންސާނީ ޢަމަލުތަށް ކުއްވެރިކޮށް ފަލަސްތީނު ރައްޔިތުންނަށް ދެމުންދާ އަނިޔާތައް ވަގުތުން ހުއްޓާލުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް (ރިޓަޔާޑް) މުހައްމަދު ނާޒިމް ގޮވާލައްވާފިއެވެ.
ރޭ ކުރިއަށް ދިޔަ އެމްއެންޕީގެ 09 ވަނަ ގައުމީ ހިންގާ ކައުންސިލްގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނާޒިމް ވަނީ، އިސްރާއީލްގެ ޔަހޫދީން، ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންގެންދާ ލާއިންސާނީ އަނިޔާ އެއްމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށާއި، އެ އަނިޔާތައް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލައްވާފައެވެ.
އެމްއެންޕީގެ ރޭގެ ކައުންސިލްގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންގެންދާ އަނިޔާ ތަކަކީ ބައިނަލްއަގްވާމީ މުއާހަދާތަކާވެސް ޚިލާފު، އަދި ލާއިންސާނީ އަނިޔާ ތަކެއް ކަމަށެވެ. އެހެންކަމަށްވުމާއެކު، މިހާރުން މިހާރަށް ހަމަލާތައް ހުއްޓާލުމަށް ގޮވާލާކަމަށް ވިދާޅުވިއެވެ.
''އިސްރާއީލުން ފަލަސްތީނުގައި ދެމުން ގެންދާ އުދުވާނީ ހަމަލާތައް އެއްމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަން. އަދި މި އުދުވާނީ ހަމަލާތައް މިހާރުން މިހާރަށް ހުއްޓާލާ، ބައިނަލްއަގްވާމީ މުއާހަދާތަކާއި އެއްގޮތްވާ ގޮތުގެ މަތީން އަމަލުކުރުމަށް މި ޕާޓީގެ ފަރާތުން އިޒްރޭލަށް ގޮވާލަން.'' ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުންނާއި އެކު އެމްއެންޕީގެ މެންބަރުން ތިބިކަން ދައްކައިދިނުމުގެ ގޮތުން، އެ ޕާޓީގެ ހެޑްއޮފީހުގައި ހަރުކޮށްފައިވާ އެލްއީޑީ ބޯޑުގައި، އިޝްތިހާރެއް އަބަދުވެސް ދައްކަމުންދާނެކަމަށެވެ. އަދި އެމްއެންޕީ ދެމިތިބޭނީ އަބަދުވެސް ފަލަސްތީނުގެ ރައްޔިތުންގެ ދިފާއުގައި ކަމަށް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވެފައިވާގޮތުގައި، 1967 ވަނަ އަހަރު އެކުވެރި ދައުލަތްތައް (އދ) އިން އެކުލަވާލައިފަވާ ބޯޑަރ އާއި އެއްގޮތަށް ފަލަސްތީނަށް މިނިވަން ދައުލަތެއްގެ މަގާމު ލިބެންޖެހޭނެކަމަށް ގަބޫލުކުރަށްވާ ކަމަށެވެ. އަދި އިސްރާއީލުން މިކަމަށް އިހްތިރާމްކުރުމާއެކު، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައުއަށް ގޮވާލާކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!