ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ފަލަސްތީނަށް 20 މިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށް ނިންމައިފިއެވެ.
ފަލަސްތީނަށް ކުއްލީ އެހީގެ ގޮތުގައި 20 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް އެންގެވީ ޔޫއޭއީގެ ރައީސް ޝެއިހް މުހައްމަދު ބިން ޒައިދެވެ. އެކަން ޔޫއޭއީގެ ރައީސް އަންގަވާފައި ވަނީ އަންގާރަ ދުވަހުގެ ވަގުތެއްގައި ކަމަށް ވެސް ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓުތައް ބުނެއެވެ.
މި އެހީ ފަލަސްތީނު ރައްޔިތުންނަށް ދިނުމަށް ހަމަޖެހިފައިވަނީ އދ. ގެ ރިލީފް އެޖެންސީ އާއި ފަލަސްތީނު ރެޖިއުޖީންގެ ހައްގުގައި މަސައްކަތްކުރާ އދ. ގެ ޖަމިއްޔާ މެދުވެރިކޮށެވެ. މިއީ ކާރިސާގެ ވަގުތުތަކުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ޔޫއޭއީގެ ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ދޭ އެހީއެއް ކަމަށް ބުނެފައިވެއެވެ.
ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން މިދިޔަ ހޮނިހިރު ދުވަހު ވަނީ އިސްރާއީލުން ހިފާފައިވާ އަވަށްތަކަށް ކުއްލިއަކަށް އަރައިގަނެ، ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފައެވެ. މި ހަމަލާތަކާއި ޣައްޒާ އިން ފޮނުވާލި ރޮކެޓާއި މިސައިލް ހަމަލާތަކާ އެކުގައި އިސްރާއީލުން 1،000 އަށް ވުރެ ގިނަ މީހުން ވަނީ މަރާލައިފައެވެ. އޭގެ ތެރޭގައި އިސްރާއީލް ސިފައިންނާއި އެ ގައުމުގެ އާންމުންނާއި ބައެއް އެހެން ގައުމުތަކުގެ މީހުން ވެސް ހިމެނެއެވެ.
ހަމާސް ޖަމާއަތުގެ ކުއްލި ހަމަލާތަކާ އެކުގައި އިސްރާއީލްގެ އަސްކަރިއްޔާ އިން ދަނީ މެދުކެނޑުމެއް ނެތި ފަލަސްތީނުގެ ޣައްޒާ އަށް ބޮން އަޅަމުންނެވެ. ޣައްޒާގެ އެތައް އިމާރާތެއް ބިމާ ހަމަކޮށްލާފައިވާ އިރު، ފަލަސްތީނުގެ 800 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނެއެވެ.
ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި އިސްރާއީލުން ހިފާފައިވާ އަވަށްތަކަށް ހަމާސް ޖަމާއަތުގެ މުޖާހިދުން އަރައި، އިސްރާއީލް ރައްޔިތުންނާ ދަނީ ކުރިމަތިލަމުންނެވެ. އަދި ފަލަސްތީނުން ދަނީ އިސްރާއީލްގެ ބޮޑެތި ސިޓީތަކަށް ރޮކެޓާއި މިސައިލް ހަމަލާތައް ވެސް ފޮނުވަމުންނެވެ. އަނެއްކޮޅުން ލުބުނާނުން ވެސް ދަނީ އިސްރާއީލަށް އަމާޒުކޮށް ހަމަލާތައް ދެމުންނެވެ. މި ހަމަލާތަކާ ގުޅިގެން އިސްރާއީލުން ވެސް ދަނީ ލުބުނާނަށް ރައްދު ހަމަލާތައް ދެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!