ފަަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ދެމުންގެންދާ ހަމަލާތައް ވަގުތުން ހުއްޓައިލުމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ގޮވައިލައިފިއެވެ.

އެ ޕާޓީން ނެރުނު ނޫސްބަޔާނެއްގައި ވަނީ ޔަހޫދީން އަޅުވެތިކޮށްފައިވާ ފަލަސްޠީނުގެ ޣައްޒާގައި ދިރިއުޅޭ މުސްލިމް އަޚުންނާއި އުޚްތުންނާ ދެކޮޅަށް އިސްރާޢީލުގެ އަސްކަރިއްޔާ އިން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާއި ހަނގުރާމައިގެ ކުށްތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

Ad
d

ފަލަސްޠީނުގެ ކުށެއް ނެތް މުސްލިމުން ޝަހީދުކޮށް، އެ މީހުންގެ ލޭއޮހޮރުވައިލުމަށް އިސްރާޢީލުން ބަރުހަތިޔާރު ބޭނުންކޮށްގެން ދެމުންދާ ހަމަލަތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން އެ ޕާޓީއަކީ ފަލަސްޠީނުގެ މުސްލިމް އަޚުންނާއި އުޚްތުންގެ މިނިވަން ކަމަށް ވަކާލާތުކޮށް، އެ މީހުންގެ ހައްޤުތައް ހިމާޔަތް ކުރަން ތާއަބަދު ގޮވައިލަމުންދާ ޕާޓީއެއް ކަމަށާއި ފަލަސްޠީނުގެ މިނިވަން ކަން ކަށަވަރު ކޮށްދިނުމަށް އ.ދ އިން ފާސްކޮށްފައިވާ ޤަރާރުތަކަށް އިޙުތިރާމުކޮށް، އެ ޤަރާރުތައް ތަންފީޒު ކުރުމަށް އިސްރާޢީލަށް ވަނީ ގޮވައިލާފައެވެ.

ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެ، އެ މީހުން އަޅުވެތިކޮށް، ބައިތުލްމަޤްދިސްގައިވާ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތް ކަމުގައިވާ އަލް-އަޤްޞާއަށް އަތްގަދަކުރުމާ ދެކޮޅަށް އަޑުއުފުލަމުންދާ ޕާޓީއެއްކަން ވެސް ވަނީ އެ ބަޔާނުގައި ފާހަގަކޮށްފައެވެ.

Ad
df

ހަމަމިއާއެކު އެ ޕާޓީއަކީ ސުލްޙައާއި ހަމަޖެހުމަށް ވަކާލާތުކުރާ، މަޝްވަރާގެ އުސޫލުގެ ދަށުން ދެބަސްވުންތައް ހައްލު ކުރަން ބާރުއަޅާ ޕާޓީއެއް ކަމަށާއި އިންސާނީ ހައްޤުތަކަށް އިޙުތިރާމުކޮށް، ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ހަމަތަކުގެ މަތިން އެ ހައްޤުތައް ކަށަވަރު ކޮށްދިނުމަށް ވަކާލާތުކުރާ ޕާޓީއެއް ކަމަށް ވެސް ބަޔާނުގައި ވެއެވެ.