އިންތިހާބީ ރައީސް, ޑރ. މުހައްމަދު މުއިއްޒު، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާ ކުރެއްވުން އޮންނާނީ އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ކަމަށް އިންތިގާލީ ތަރުމާން މުހައްމަދު ފިރުޒުލް އަބްދުﷲ ވިދާޅުވެއްޖެއެެވެ.

ނޫސްވެރިންނަށް މައުލުމާތު ދެއްވަމުން އޭނާ ވިދާޅުވީ ޑރ. މުއިއްޒު އެދިވަޑައިގެންނެވީ އެ ރަސްމިއްޔާތު ނޮވެންބަރު މަހުގެ 17 ވަނަ ދުވަހު ހަވީރު ޖުމްހޫރީ މައިދާނުގައި ބޭއްވުމަށް ކަމަށެވެ. އަދި އެގޮތަށް ކަންތައް ތަރުތީބުވަމުން އަންނަ ކަމުގެ ޔަގީންކަން މަޖިލީހުން ދެއްވާފައިވާ ކަމަށް ވިދާޅުވިއެވެ.

Ad
rt

މީގެ އިތުރުން އިންތިހާބީ ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަކީ ގާނޫނުގައި ބުނާ ގޮތުންނަމަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކަމަށްވާތީ, އެ ރަސްމިއްޔާތުގެ ކަންކަން ބަލަހައްޓަވަމުން ގެންދަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ވެސް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މޫސުންތަން ނުދޭނަމަ ބައެއް ބަދަލުތައް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ރައީސް ސާލިހު މީގެކުރިން ވިދާޅުވެފައިވަނީ ގާނޫނީ ހުރަހެއް ނެތް ނަމަ ނޮވެމްބަރު 11 ގައި އިންތިހާބީ ރައީސް ހުވާކުރައްވަން ބޭނުންފުޅުވާ ކަމަށެވެ. އަދި ނޮވެމްބަރު 11 އަކީ ތާރީހުގައި ރާއްޖޭގެ ވެރިކަންތައް ބަދަލުވަމުން އައިސްފައިވާ ދުވަސް ކަމަށާއި އެކަން އަނެއްކާ ވެސް އިޔާދަކުރައްވަން ބޭނުންފުޅުވާ ކަމަށް ވެސް ސާލިހު ވަނީ ވިދާޅުވެފައެވެ.

ރައީސް ކަމުގެ ހުވާ ކުރެއްވުމާއެކު މުއިއްޒު ވެގެންދާނީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ހަތްވަނަ ރައީސެވެ. އެހެންކަމުން މުއިއްޒަކީ ރާއްޖޭގެ އަށްވަނަ ރައީސެވެ. އަދި ކުރިއަށް އޮތް ފަސް އަހަރުގެ ނައިބު ރައީސްގެ މަގާމުގައި ހުންނަވާނީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެންބެ) އެވެ.