ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ވަކި ކުރަން މަޖިލިހަށް ހުށަހަޅައިފިއެވެ.

ނަޝީދުގެ މައްޗަށް އިތުބާރު ނެތް ކަމަށް ނިންމައި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ފާސް ކުރީ މިއަދެވެ. އެގޮތަށް ނިންމީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ. އެ ބައްދަލުވުމުގައި ގިނަ އަދަދެއްގެ މެމްބަރުން ބައިވެރިވެވަޑައިގަތެވެ.

Ad
rt

އެންމެ ފަހުން، އެ މައްސަލަ މަޖިލިހަށް ހުށަހަޅާފައިވަނީ 48 މެމްބަރުންގެ ސޮޔާއެކުގައި މިރޭގެ ވަގުތެއްގައެވެ.

މަޖިލިހަށް ހުށަހެޅި ގަރާރުގައި ވަނީ މަޖިލީހުގެ އެޖެންޑާ ކަނޑައެޅުމާއި މަޖިލީހުގެ ތަޅުމަށް ކަންކަން ގެނައުމުގައި ނަޝީދުގެ އަމިއްލަ މަސްލަހަތު އިސްކޮށް ވަކި ފަރާތަކަށް ބުރަވެ، މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަންކަން ނިންމަމުންދާ ކަމަށެވެ. މަޖިލީހުގެ ނިޒާމު ހިފެހެއްޓުމުގެ ބަދަލުގައި މަޖިލީހުގެ ނިޒާމު ގެއްލުވާލުމަށް މަސައްކަތް ކުރާ ފަރާތްތަކަށް ނަޝީދު ވާގިވެރިވަމުން ގެންދާ ކަމަށް ވެސް އެމްޑީޕީން ތުހުމަތު ކުރެއެވެ.

މީގެއިތުރުން ރައްޔިތުންގެ މަޖިލިސް އެތައް ދުވަހެއް ވަންދެން ހުއްޓުވާފައި ބޭއްވުމަށް ފަހު، ނަޝީދު ނިސްބަތްވާ ޕާޓީގެ އަދި އެ މަނިކުފާނުގެ މަސްލަހަތު އޮތް މައްސަލަތަކެއް މަޖިލީހަށް ތާވަލު ކުރުމަށް ފަހު އެ މައްސަލަ ކުރިއަށް ގެންދިއުމަށް ޖަލްސާތައް ބާއްވާފައިވާ ކަމަށް އެ ގަރާރުގައިވެއެވެ.

"އިސްވެ ބަޔާންކުރެވުނު ކަންކަމާއި ސަބަބުތައް އެހެން ހުރުމުން، ރައީސް މުހައްމަދު ނަޝީދަށް ކުރަމުން އައި އިތުބާރު ގެއްލިއްޖެ ކަމަށް އަހުރެމެންނަށް ފެންނަ ހިނދު، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން ރައީސް މުހައްމަދު ނަޝީދު ވަކިކުރުމަށް އަހަރެމެން ސޮއި ހުށަހަޅަމެވެ،" ގަރާރުގައިވެއެވެ.

މިއީ ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިހަށް ހުށަހަޅާ ދެވަނަ ފަހަރެވެ.

މަޖިލިހުގެ ރައީސް ނަޝީދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށްޓަކައި މިދިޔަ ޖޫން މަހު 54 މެމްބަރުންގެ ސޮޔާއެކު މަޖިލިހަށް ހުށަހެޅިއެވެ. އެކަމަކު މިދިޔަ މަހުގެ 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު، އެމްޑީޕީން ވަނީ އެ މައްސަލަ އަނބުރާ ނަގައިފައެވެ.

މަޖިލީހުގެ ރައީސް މަގާމުން ދުރު ކުރެވޭނީ އިތުބާރު ނެތްކަމުގެ ވޯޓުގައި މަދުވެގެން 45 މެމްބަރުންގެ ވޯޓު ލިބިގެންނެވެ. އެމްޑީޕީގައި މިހާރު ވެސް 50 އަށް ވުރެ ގިނަ މެމްބަރުން އެބަތިއްބެވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރިމަތިވެވަޑައިގަތް ނާކާމިޔާބަށްފަހު ނަޝީދު އެ ޕާޓީން ވަނީ ވަކިވެ ވަޑައިގެން، އެމްޑީޕީގެ ބައެއް މެމްބަރުންނާ އެކު ދަ ޑިމޮކްރެޓްސް ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަވައިފައެވެ. ޑިމޮކްރަޓްސް ޕާޓީއާ ގުޅިވަޑައިގެން، ސަރުކާރާއި އެމްޑީޕީއަށް ވަރަށް ބޮޑަށް ނަޝީދު ފާޑު ވިދާޅުވެފައިވެއެވެ. އެ ޕާޓީން ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރިއެވެ. ޑިމޮކްރެޓްސްގެ ޓިކެޓުގައި މަޖިލިހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ނުކުންނަވައި، 15،000 އަށް ވުރެ ގިނަ ވޯޓާ އެކުގައި ދިޔައީ ތިން ވަނަ އަށެވެ.

ދެވަނަ ބުރުގައި ޑިމޮކްރަޓްސް ޕާޓީން ރިޔާސީ އިންތިހާބުގައި ދެވަނަ ބުރުގައި ނިންމީ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށެވެ. އެކަމަކު ޑިމޮކްރެޓްސްގެ ބައެއް މެމްބަރުން ދެވަނަ ބުރުގައި ވާދަކުރެއްވި ކެންޑިޑޭޓުންނަށް ތާއީދު ކުރި މަންޒަރު ފެނިފައިވެއެވެ.