އިންތިގާލީ މަރުހަލާގައި ދައުލަތުގެ އެކި މިނިސްޓްރީތަކާއި ކުންފުނިތަކުން މައުލޫމާތު އެއްކުރުމަށް 15 ޓްރާންސިޝަނަލް ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށް އިންތިގާލީ މުއްދަތުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.

އިންތިހާބީ ރައީސްގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް ވިދާޅުވީ އުފެއްދި ކޮމިޓީތަކުގެ ތެރެއިން ހަތް ކޮމިޓީއަކުން ސަރުކާރު ކުންފުނިތަކުން މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އަދި އަށް ކޮމިޓީއަކުން ސަރުކާރުގެ މިނިސްޓްރީތަކުން މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Ad
rt

ކޮންމެ ކޮމިޓީއެއްގައި އިދާރީ މަސައްކަތް ކުރައްވާ ފަރާތްތަކާއި މާލީ ކަންކަމަށް ހާއްސަ ބޭފުޅުންނާއި ތަންތަނަށް ޒިޔާރަތްކޮށް މައުލޫމާތު އެއްކުރުމުގައި މަސައްކަތް ކުރައްވާ އެންމެން ހިމެނޭހެން 25 އާއި 30 އާ ދެމެދުގެ އަދަދަކަށް މެމްބަރުން ތިބޭނެ ކަމަށް ފިރްޒުލް ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވީ ކޮމިޓީތަކުން އެއްކުރާނީ ކޮން މައުލޫމާތުތަކެއް ކަމާއި އެ މައުލޫމާތު ހުންނާނެ ފޯމެޓާއި މައުލޫމާތު ވިލަރެސްކޮށް އެކުލަވާލާނެ ގޮތް އެ ދާއިރާގެ ފަންނީ ބޭފުޅުންނާ ގުޅިގެން ކޮށްފައިވާ ކަމަށެވެ.

ޓްރާންސިޝަނަލް ކޮމިޓީތަކަކީ ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ކަންކަން ވިލަރެސްކުރައްވާ ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަންގެ ދަށުން މަސައްކަތް ކުރާ ކޮމިޓީތަކެކެވެ. އެ ކޮމިޓީތަކުން ކުރާގެ މައިގަނޑު މަސައްކަތަކީ ވެރިކަން ކުރިއަށް ގެންދިއުމަށް ބޭނުންވާ މައުލޫމާތުތައް އެއްކުރުމެވެ.

"އަޅުގަނޑު ފާހަގަކޮށްލަން ސަރުކާރުގެ އެންމެ މަތިން ފެށިގެން ރައީސުލްޖުމްހޫރިއްޔާއާ ހަމައިން ފެށިގެން މިހާތަނަށް އެކަށީގެންވާ އެއްބާރުލުން އަޅުގަނޑުމެން ހިތްހަމަޖެހޭ މިންވަރަށް ދެއްވަމުން ގެންދަވާ،" ފިރުޒުލް ވިދާޅުވިއެވެ.

އޭގެ އިތުރުން ފިރުޒުލް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ނަތީޖާ ލިބުމަށް ފަހުގައި އިންތިހާބީ ރައީސްގެ އޮފީހުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށާއި ކެބިނެޓަށާއި ސަރުކާރު ކުންފުނިތަކަށް އައްޔަން ކުރާނެ ބޭފުޅުންގެ މަސައްކަތްތައް ވެސް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަންނަ ސަރުކާރުގެ ސިޔާސަތުތަކާއި ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރާނެ މަސައްކަތްތައް އެކުލަވާލުމުގެ މަސައްކަތްތައް ވެސް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.