އުރީދޫ މޯލްޑިވްސްއިން, ހުޅުމާލޭގައި ހުންނަ ރެޑްވޭވް މޯލްގައި، އެ ކުންފުނީގެ ޝޮޕް އިން ޝޮޕް ކައުންޓަރެއް ހުޅުވައިފިއެވެ.

މި ކައުންޓަރު ހުޅުވާފައިވަނީ ރެޑްވޭވް މޯލާއެކު ކުރިއަށްގެންދާ ސްޓްރެޓީޖިކް ޕާޓްނާޝިޕެއްގެ ދަށުން ކަމަށް އުރީދޫއިން ބުނެއެވެ. މި ޕާޓްނާޝިޕްގެ މަގްސަދަކީ ކަސްޓަމަރުންނަށް މޯލްގައި ޝޮޕިންކުރާއިރު، ލުއިފަސޭހަކަމާއެކު އުރީދޫގެ ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ.

Ad
rt

ރެޑްވޭވް މޯލްގައި ހުޅުވި ޝޮޕް އިން ޝޮޕް ކައުންޓަރުން؛ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ސިމް ކާޑު ގަތުމާއި، އުރީދޫ ބިލްތައް ދެއްކުމާއި، ސުޕަނެޓްގެ ޚިދުމަތް ހޯދުމާއި، 5ޖީ ބްރޯޑްބޭންޑްގެ ޚިދުމަތް ހޯދުމުގެ އިތުރުން، އެންމެ ފަހުގެ ޕްރޮމޯޝަންތަކުގެ މައުލޫމާތު ލިބޭނެއެވެ. އަދި ކޭޝްލެސް، އަވަސް ޕޭމަންޓް ސޮލިއުޝަނެއް ފޯރުކޮށްދިނުމަށް ރެޑްވޭވް މޯލާއި ރެޑްވޭވްގެ އެހެން ފިހާރަތަކުން ވިޔަފާރިކުރާ ފަރާތްތަކަށް އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެކަމަށް އުރީދޫއިން ބުންޏެވެ.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ، ރެޑްވޭވް މޯލްގައި އެ ކުންފުނީގެ ޝޮޕް އިން ޝޮޕް ކައުންޓަރު ތައާރަފްކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މީގެ ސަބަބުން ރެޑްވޭވް މޯލުން ޝޮޕިންކުރާ ކަސްޓަމަރުންނަށް އެއް ފުރާޅެއްގެ ދަށުން އުރީދޫގެ ޚިދުމަތްތައްވެސް ލިބިގަނެ، ފުރިހަމަ ޝޮޕިން ތަޖުރިބާއެއް ލިބިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

“މި ސްޓްރެޓެޖިކް ޕާޓްނަރޝިޕަކީ ކަސްޓަމަރުންގެ ދިރިއުޅުން ގުޅާލައި މުއްސަނދިކުރުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތާ ވަރަށް ފުރިހަމައަށް ގުޅިފައިވާ ޕާޓްނާޝިޕެއް. މީގެ ސަބަބުން ރެޑްވޭވް މޯލްއިން ޝޮޕިން ކުރާ ކަސްޓަމަރުންނަށް އެއް ފުރާޅެއްގެ ދަށުން އުރީދޫގެ ހިދުމަތްތައްވެސް ލިބގަނެ ފުރިހަމަ ޝޮޕިން ތަޖުރިބާއެއް ލިބިގެންދާނެ." ނިޔާޒު ވިދާޅުވިއެވެ.

ރެޑް ވޭވް މޯލްގެ ޖެނެރަލް މެނޭޖަރު، މުހައްމަދު ޝުޖާއު ވިދާޅުވީ މި ޝޮޕް އިން ޝޮޕް ކައުންޓަރުން ރެޑްވޭވް މޯލްގައި ދޭ ހިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ ކަމަށެވެ. އަދި މި ޕާޓްނާޝިޕުން ދައްކުވައިދެނީ އެ ކުންފުނީގެ އަގުހުރި ކަސްޓަމަރުންނަށް ލުއިފަސޭހަކަމާއި ތަފާތު ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ދޭ އަހައްމިއްޔަތުކަން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރެޑްވޭވް މޯލްގައި ހުންނަ އުރީދޫ މޯލްޑިވްސްގެ ޝޮޕް-އިން-ޝޮޕް ކައުންޓަރު ހުޅުވާފައި ހުންނަނީ މޯލްގެ އާންމު ވިޔަފާރިކުރާ ގަޑިތަކުގައި ކަމަށް އުރީދޫއިން ބުންޏެވެ.