ރައްޔިތުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ) އަށް ހަމަލާދިންކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ހައްޔަރުކޮށްފައިވަނީ 4 ދިވެހިން ކަމަށާއި އެއީ އުމުރުން 27 އަހަރުގެ ފިރިހެނަކާއި 24 އަހަރުން ތިން ފިރިހެނުން ކަމަށެވެ.

Ad
rt

އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން 27 އަހަރުގެ މީހާއާއި 24 އަހަރުގެ ދެމީހުންނަށް ވަނީ 60 ދުވަހުގެ މުއްދަތެއް ޖަހާފައިވާއިރު، 24 އަހަރުގެ އެކަކގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ޖަހާފައި ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.

އެ އިދާރާ އިން ވިދާޅުވީ މި މައްސަލަ އިތުރަށް ތަހުގީގު ކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށެވެ.

ޝަރީފަށް ހަމަލާދީފައިވަނީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލީ ދުވަސް ކަމަށްވާ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ.

މެންހެޓަން ބިޒްނަސް ހޮޓަލުގެ ތެރޭގައި ހުންނަވަނިކޮށް އޭނާ އަށް ދީފައިވާ މި ހަމަލާގެ ސަބަބުން ޝަރީފްގެ އެއް ލޯ މަތި ވަނީ ވަރަށް ބޮޑަށް ދުޅަވެފައެވެ. އަދި ނޭފަތްމަތިން ވަނީ ހަލާކުވެ، ލޭ އައިސްފައެވެ.