ވެރިކަމުން ފައިބައި ވަޑައިގަތުމަށް ފަހު، ހުންނަވާނީ ވަރަށް ހުސްކޮށް ކަމަށާއި ހުސް ވަގުތުގައި ފޮޓޯ ނަގައި ކޮލަމް ލިޔުއްވަން ޝައުގުވެރިވެ ވަޑައިގަންނަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ރައީސް ވިދާޅުވީ ތަޖުރިބާގެ އާއި އެނގިވަޑައިގެން ހުންނެވި އެއްޗެއްގެ އަލީގައި ގައުމަށްޓަކައި ކުރެއްވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލިހުގެ މެމްބަރު ކަން ކުރެއްވި 25 އަހަރާއި ވެރިކަމުގައި ހޭދަކުރެއްވި ފަސް އަހަރު ހޭލައްވާފައި ވިސްނަވާ ކަންތައްތަކެއް ހުންނަ ކަމަށެވެ.

Ad
rt

"މި ވޭތުވެދިޔަ 30 އަހަރު ކޮންމެ ދުވަހަކު ހޭލާފައި ވިސްނާ ކަންތައްތަކެއް ހުރޭ. އަޅުގަނޑުގެ އާއިލާއަކީ އަންހެނުންނާއި ދެ ދަރިން އެކަންޏެއް ނޫން ތިރީސް އަހަރުގެ ތެރޭގައި. ކޮންމެ ދުވަހަކު އެތައް ބައިވަރު ރައްޔިތުންނެއް އަޅުގަނޑާ ގުޅަމުންދޭ ކަންތައްތަކުގައި،" ރައީސް ވިދާޅުވިއެވެ.

ނޫސްވެރިކަމުގެ ދާއިރާގައި ވެސް ކުރިން މަސައްކަތް ކުރެއްވި ރައީސް ވިދާޅުވި ގޮތުގައި މި މަގާމުން ފައިބައިވަޑައިގަތުމަށް ފަހުގައި އެމަނިކުފާނު ވަރަށް ބޮޑަށް "ހުސްވާނެ" ކަމަށެވެ. އެހެންވެ، އެ ހުސްވަގުތުގައި ކުރައްވާނެ ކަމަކާ ދޭތެރޭގައި ގޮތްތަކެއް ރާއްވަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑު އެކީގައި ރިޓަޔާކޮށްފައި ގޭގައި އިންނަ ހިސާބަކަށް ނުދޭ. ގައުމަށްޓަކައި ކޮށްދެވޭނެ ކިތަންމެ މަސައްކަތެއް އެބަހުރި. އަޅުގަނޑު އެކަން ކޮށް ދިނުމުގައި އިރާދަކުރެއްވިއްޔާ ދެމި ހުންނާނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ހިދުމަތް ކުރައްވަން ޝައުގުވެރިވެވަޑައިގަންނަވަނީ ކޮން ދާއިރާއަކުންތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން ރައީސް ވިދާޅުވީ އެމަނިކުފާނަށް "ކޮންޓްރިބިއުޓް" ކޮށްދެއްވޭނެ ވަރަށް ގިނަ ދާއިރާތައް އެބަހުރި ކަމަށެވެ. އަދި ނޫހަކުން ކޮލަމެއް ލިޔުއްވުމުގެ ފުރުސަތު ލިބިވަޑައިގެންފި ނަމަ، ދޭތެރެއަކުން ލިޔުއްވާނެ ކަމަށް ވިދާޅުވިއެވެ. ކޮލަމް ލިޔުއްވުމުގެ އިތުރުން ފޮޓޯ ނެންގެވުމަށް ޝައުގުވެރިވެވަޑައިގަންނަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އެކަން ވެސް (ކޮލަމް ލިޔުއްވުން) ކުރެވޭނެ. އަޅުގަނޑަކީ ފޮޓޯ ވެސް ނަގާ މީހެއް. ކެމެރާ ހިފައިގެން މަގުމަތީގައި ވެސް އަޅުގަނޑަށް އުޅެލޭވެނެ. މިކަހަލަ ކިތަންމެ ކަމެއް. މާ ބުރަ މަސައްކަތެއް ނޫން ކުރަން ނިންމާފައި އޮތީކީ." ރައީސް ވިދާޅުވިއެވެ.

ރައީސްގެ ސިޔާސީ މަސައްކަތްތައް ފެއްޓެވީ އުމުރުފުޅުން 31 އަހަރުގައި 1994 ވަނަ އަހަރު ޅ. އަތޮޅު ގޮނޑި އަށް ވާދަ ކުރައްވައި ކާމިޔާބު ކުރައްވައިގެންނެވެ. އޭގެ ކުރިން ރައީސް ސޯލިހް ވަނީ ޓީވީއެމްގައި ވަރަށް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވައިފައެވެ. ޅ. އަތޮޅުގެ ގޮނޑި އަށް ފަހު، 25 އަހަރުގެ ތެރޭގައި ވިދިވިދިގެން ފަސް ދައުރު ހިންނަވަރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވިއެވެ.

އެ މުއްދަތުގެ ތެރޭގައި ރައީސް ވަނީ ގާނޫނުއަސާސީ އެކުލަވައިލި ހާއްސަ މަޖިލީހުގެ މެންބަރު ކަމާއި އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު ކަން ކުރައްވައިފައެވެ. ރައީސް ކަމަށް ވަޑައިގެންނެވުމުގެ ކުރިން އެމަނިކުފާނު ހުންނެވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ކަމުގެ މަގާމުގައެވެ.