ނަން އޮޅުވާލައިގެން ފުލުހުންނަށް މައުލޫމާތު ދިން މީހަކު ހަ މަހަށް ގޭ ބަންދުކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މ. މެކާނޯގޭ މުހައްމަދު ޝާހީން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ދެ މައްސަލައެއްގެ ތުހުމަތުގައި ދެ ފަހަރެއްގެ މަތިން ފުލުހުން އޭނާގެ ނަން އޮޅުން ފިލުވަން ސުވާލު ކުރުމުން އޭނާ ދިނީ ނުބައި ނަމެކެވެ.. އެ މައްސަލާގައި އޭނާގެ މައްޗަށް ކުރި ޝަހްސު އޮޅުވާލުމުގެ ދައުވާ އެވެ.
ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ޝަހްސު އޮޅުވާލި ކަމަށް އޭނާ އެއްބަސްވެފައިވާތީ އޭނާގެ އިއުތިރާފުން އެ ދައުވާ ސާބިތުވާ ކަމަށެވެ. އަދި ގާނޫނުލް އުގޫބާތުގެ ދަށުން އެ ކުށުގެ އަސާސީ އަދަބަކީ ތިން މަހާއި 18 ދުވަހަށް ޖަލަށްލުން ކަމަށް ވީ ނަމަވެސް އަދަބުގެ ބާވަތް ބަދަލުކޮށްދޭން އޭނާ އެދިފައިވާތީ ގޭ ބަންދުގެ އަދަބަކަށް ބަދަލުކުރީ ކަމަށް ހުކުމުގައިވެ އެވެ.
އެހެންކަމުން ހަ މަހާއި 4 ދުވަހަށް އޭނާ ގޭ ބަންދުކުރަން ހުކުމްކުރީ ކަމަށް ހުކުމުގައިވެ އެވެ.
އޭނާއަކީ ޕޮލިސް ސްޓޭޝަނުން ފިލި މައްސަލައެއްގަ އާއި ޕޮލިސް ސްޓޭޝަންގެ ކެމެރާއަކަށް ގެއްލުން ދިން މައްސަލައެއްގައި މިހާރު ވެސް ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ މީހެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!