ފްރާންސް ލީގުގައި ރޭ ޕީއެސްޖީއާއި އޮލިމްޕިކް ޑި މާސޭ ބައްދަލުކުރި މެޗުން ފަސޭހަކަމާއިއެކު ޕީއެސްޖީ މޮޅުވިއިރު، އެ ޓީމްގެ ކެޕްޓަން އެމްބާޕޭއަށް އަނިޔާވެއްޖެއެވެ. އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ޕީއެސްޖީން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ނަތީޖާއިންނެވެ.
މި މެޗުން މޮޅުވުމާއިއެކު ޕީއެސްޖީ ވަނީ ޕޮއިންޓް ތާވަލުގެ ތިންވަނައަށް ޖެހިލާފައެވެ. ޕީއެސްޖީއަށް 6 މެޗުން 11 ޕޮއިންޓް ލިބިފައިވާއިރު ދެވަނާގައި އޮތް ނީސް އަށް 6 މެޗުން ލިބިފައި ވަނީ 12 ޕޮއިންޓެވެ. މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތީ 6 މެޗުން 13 ޕޮއިންޓް ހޯދައިގެން ބްރެސްޓެވެ.
ރޭ މެޗުގެ ވަރަށް ކުރީކޮޅު ޕީއެސްޖީން ވަނީ ލަނޑުޖަހައި ލީޑު ނަގާފައެވެ. މި ލަނޑު 8 ވަނަ މިނެޓުގައި މާސޭގެ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބު ކޮށްދިނީ ހަކީމީއެވެ. ލަނޑު ޖެހިތާ އިރުކޮޅެއް ފަހުން އެމްބާޕޭގެ ވާތުފައިގެ ކުޑަހުޅަށް އަނިޔާވެ އޭނާ ފަރުވާ ހޯދިއެވެ. ފަރުވާއަށް ފަހު ކުޅުން ކުރިއަށް ގެންދަން މަސައްކަތް ކުރިނަމަވެސް، ފަހުން އޭނާ ވަނީ ބަދަލު ކޮށްފައެވެ. އޭނާގެ އަނިޔާގެ ތަފްސީލެއް ޕީއެސްޖީން އަދި ހާމަކޮށްފައި ނުވެއެވެ.
މެޗުގައި ޕީއެސްޖީން ކާމިޔާބުކުރި ދެވަނަ ލަނޑު 37 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ކޯލޯ މުއާނީއެވެ. އަޝްރަފް ހަކީމީ މާސޭގެ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ދަނޑީގައި ޖެހިފައި ނުކުތްވަގުތު މުއާނީ ވަނީ އެ ބޯޅަ ގޯލަށް ވައްދާލާފައެވެ.
މެޗުގައި ޕީއެސްޖީން ކާމިޔާބުކުރި ތިންވަނަ ލަނޑާއި ހަތަރުވަނަ ލަނޑު ޖަހައިދިނީ އެމްބާޕޭގެ ބަދަލު ކުޅެން ނުކުތް ޕޯޗުގަލްގެ ފޯވާޑް ރާމޯސްއެވެ. ތިންވަނަ ލަނޑު 47 ވަނަ މިނެޓުގައި ޑެމްބެލޭ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދިންއިރު ހަތަރުވަނަ ލަނޑު މެޗުގެ ފަހު މިނެޓުގައި އޭނާ ކާމިޔާބު ކުރީ މުއާނީ ތަނަވަސް ކޮށްދިން ފުރުޞަތެއްގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!