މި މަހުގެ 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބުކޮށް ވެރިކަމަށް ވަޑައިގެންފި ނަމަ، ފަސް އަހަރު ދުވަހުގެ ތެރޭގައި ހދ. ކުޅުދުއްފުށީގައި 2،000 ހައުސިން ޔުނިޓް އަޅުއްވައި ދެއްވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އަތޮޅުތެރޭގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ހދ. ކުޅުދުއްފުއްޓަށް ވަޑައިގެން އެ ރަށުގައި ބޭއްވި ބޮޑު ޖަލްސާގައި މުއިއްޒު ވިދާޅުވީ ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ދިން ކަމުގައި ވިޔަސް، ހަގީގީ މާނައިގައި އެ ރަށް ތަރައްގީވެފައި ނުވާ ކަމަށެވެ. އެކަމަކު، ޕީޕީއެމް/ޕީއެންސީން ވެރިކަމަށް އައިސް ކުޅުދުއްފުށި ސިޓީއަކީ ތަރައްގީ ކަށަވަރުވެފައިވާ ސިޓީއަކަށް ހައްދަވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
ކުޅުދުއްފުށީގެ ތަރައްގީގައި މި ފަސް އަހަރަކީ ފަހަތަށްދިޔަ ފަސްއަހަރު ކަމަށާއި އެކަން ބަދަލުކޮށް ކުޅުދުއްފުށީގެ ރައްޔިތުން އެދޭ ތަރައްގީ ހާސިލް ކޮށްދެއްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒުގެ ވާހަކައިގައި ވަނީ ކުޅުދުއްފުއްޓަށް ވެވަޑައިގެންނެވި ވައުދުތައް ހާމަކުރައްވައިފައެވެ. އެންމެ ބޮޑު ވައުދެއްގެ ގޮތުގައި ފާހަގަ ކުރެވުނީ 2،000 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއެއް ކުރިއަށް ގެންދަވާނެ ކަން އިއުލާން ކުރެއްވުމެވެ. އޭގެ އިތުރުން މަގުތައް އެންމެ ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމާއި ހޮސްޕިޓަލް ޓާޝިއަރީ ފެންވަރަށް ބޭނުންވާ ހުރިހާ ހިދުމަތަކާއި ވަސީލަތެއް ގާއިމު ކުރުމާއި އެއާޕޯޓަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ގާއިމުކޮށް ދިނުން ހިމެނެއެވެ.
މުއިއްޒު ކުޅުދުއްފުއްޓަށް ވެވަޑައިގެންނެވި އިތުރު ވައުދުތައް:
– ސިޓީއަކަށް ބޭނުންވާ ހުރިހާ ކުޅިވަރު ވަސީލަތްތަކެއް ގާއިމުކުރުން.
– އިކޯ ޓޫރިޒަމް ފެސިލިޓީއެއް ގާއިމުކުރުން.
– ޑޮލަރު އޭޓީއެމްއެއް ގާއިމް ކުރުން.
– ޕޯޓް ފެސިލިޓީ އެންމެ ޒަމާނީ ފެންވަރަކަށް ބަދަލުކުރުން.
– ކުނި މެނޭޖް ކުރުމުގެ މައްސަލައަށް ދާއިމީ ހައްލު ހޯދައި ދިނުން.
މިހާރު ކުޅުދުއްފުށީގައި ސްލޯ ސްޕީޑުގައި ކުރިއަށްދާ ހުރިހާ މަސައްކަތެއް ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް ނިންމައި ދެއްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. އެއިން އެއްވެސް މަސައްކަތެއް ހުއްޓުވައި ރައްޔިތުންގެ ތަރައްޤީއަށް ހުރަސް އެޅޭ އެއްވެސް ކަމެއް ނުކުރައްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.
ހަމަ މިއާއެކު ކުޅުދުއްފުށީގައި ވެސް އެކި ވަޒީފާތަކުގައި ތިއްބެވި ބޭފުޅުން ދައްކަމުންދާ ވަޒީފާގެ ބިރަށް ފަސް ނުޖެހި ގައުމުގެ މިނިވަންކަމާއި ސިޔާދަތު ނެގެހެއްޓުމަށް ބިރު ކަނޑާލާފައި މި ހަތްދުހު ގައުމީ މިމަސައްކަތާ ގުޅި މިވެރިކަން ބަދަލު ކުރުމަށް މަސައްކަތް ކޮށްދެއްވުމަށް މުއިއްޒު ވަނީ އެދިވަޑައިގެންފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!