ސިންގަޕޫރަށް ބޭސްފަރުވާއަށް ވަޑައިގެންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިރޭ ރާއްޖެ ވަޑައިގެންފިއެވެ.

ޑޮކްޓަރުންގެ ލަފައާ އެކު އަދި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ހުއްދައާއެކު އަދީބު ބޭސްފަރުވާ އަށް ވަޑައިގެންނެވީ މިދިޔަ ޖުލައި 12 ގައެވެ. ރާއްޖެ އިން ބޭރުގައި ހުންނެވުމުގެ ހުއްދަ އެންމެ ފުރަތަމަ އަދީބަށް ދިނީ 10 ދުވަހަށެވެ. ނަމަވެސް އެ މުއްދަތު ހަމަވުމުން ދިން މުއްދަތު ވެސް ހަމަވެ ފަހުން ވަނީ އަންނަ މަހުގެ ފުރަތަމަ ދުވަހާ ހަމައަށް އިތުރު ކޮށްދީފައެވެ.

Ad
rt

އަދީބުގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އިން މިރޭ ބުނީ އަދީބު އެނބުރި ވަޑައިގަތީ ފަރުވާގެ ފުރަތަމަ މަރުހަލާ ނިމިފައި ވާތީ ކަމަށެވެ. އަދީބުގެ ފަރުވާގެ ދެވަނަ އަދި އެންމެ ފަހު މަރުހަލާ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ކުރިއަށް ގެންދާނެ ކަމަށް އެމްޓީޑީން ބުނެފައިވެއެވެ.

ޑޮކްޓަރުންގެ ލަފައާ އެއްގޮތަށް ބޭރަށް ވަޑައިގަތުމަށް އަދީބަށް ސަރުކާރުން ހުއްދަ ދެއްވާފައިވާތީ އެކަމަށް ޝުކުރު އަދާކުރާ ކަމަށް ވެސް އެމްޓީޑީއިން ބުންޏެވެ.

އަދީބުގެ ސިއްހީ ހާލަތު ގޯސްވެފައި ވަނީ 2015 އިން 2018ގައި އޭނާ ޖަލުގައި ހޭދަކުރެއްވި ދުވަސްތަކުގެ ތެރޭގައި ދިމާވި ސިއްހީ މައްސަލަތަކާއި ގުޅިފައިވާ ކަންކަން ކަމަށް ބެލެވޭ ކަމަށް އެމްޓީޑީން ބުނެފައި ވެއެވެ.

އޭނާގެ ޕާޓީ އެމްޓީޑީން މީގެ ކުރިން ބުނި ގޮތުގައި އަދީބު ސިންގަޕޫރަށް ވަޑައިގެންނެވީ އެކި ހޮސްޕިޓަލްތަކުގެ އެތައް ޑޮކްޓަރުންގެ ލަފާގެ މަތިން ފުރާނައަށް ނުރައްކާތެރި ބައްޔަކަށް ފަރުވާ ހޯދުމަށް ކަމަށެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ. ދައުލަތާ އެކީގައި އަދީބު އިއުތިރާފް އެއްބަސްވުމެއް ހަދާފައިވާއިރު، ސިއްހީ ހާލަތު ހުރި ގޮތުން އަދީބު މިހާތަނަށްވެސް ހުންނެވީ ގޭބަންދުގައެވެ.