ސިޔާސީ ގޮތުން ނިންމަވާ ނިންމެވުން މާދަމާ ހާމަކުރައްވާނެ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
އަލީ ވަހީދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ދިވެހިން އެންމެ ކަންބޮޑުވީ ރާއްޖޭގެ ސިޔާދަތީ މިނިވަންކަމާ ގުޅޭ ގޮތުން ކަމަށެވެ. އަދި ރައްޔިތުންގެ ގިނަ ބައެއްގެ ކަންބޮޑުވުމަކީ ވެސް އެއީ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
"ކަމުގެ ހަގީގަތް ޓައިމްލައިނާ އެކު ބަލައިފިން. އިރާދަފުޅުން މާދަމާ އަޅުގަނޑު ނިންމާ ނިންމުން ހާމަކުރާނަން،" އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދު މިދިޔަ ބުދަ ދުވަހު ވަނީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ މެމްބަރު ކަމުން ވަކިވެވަޑައިގެންފައެވެ. އޭނާއަކީ ކުރިން ޖޭޕީގެ މެމްބަރެއްގެ އިތުރުން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިންތިހާބީ އެޖެންޓް ކަން ވެސް ކުރެއްވި ބޭފުޅެކެވެ. އަދި މި މަހުގެ 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ކެމްޕެއިންގައި ގާސިމާ އެކީގައި ރަށްރަށުގައި ކެމްޕެއިން ކުރެއްވުމުގައި އެންމެ އިސްކޮށް މަސައްކަތް ކުރެއްވި އެއް ބޭފުޅަކަށް ވާނީ އަލީ ވަހީދެވެ.
ޖުމްހޫރީ ޕާޓީން ވަކިވިކަން ހާމަކޮށް އަލީ ވަހީދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ ދިވެހިރާއްޖޭގެ ނިޝާން މުލީގޭ ޝަރަފްގެ އިއްޒަތުގެ ވެރިޔާ އޮނަރަބަލް ގާސިމް އިބްރާހީމް އަރިހުގައި މަސައްކަތް ކުރަން ލިބުނު ފުރުޞަތަކީ ނުހަނު އަގުހުރި ތަޖުރިބާއެއް ކަމަށާއި، މިއަދުން ފެށިގެން ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގަންނަވާފައިވާ ކަމަށެވެ.
އަލީ ވަހީދު އިތުރަށް ވިދާޅުވީ އެ ޕާޓީން ވަކިވިނަމަވެސް ދިވެހި ޤައުމާއި ރައްޔިތުންގެ ސަފުގައި ދެމިހުންނާނެ ކަމަށެވެ.
އަލީ ވަހީދަކީ މިހާރު މިއޮތް އެމްޑީޕީގެ ސަރުކާރުގައި ފުރަތަމަ ޓްއަރިޒަމް މިނިސްޓަރެވެ. އަދި އަލީ ވަހީދު ވަނީ ކުރިން ޖޭޕީގެ ރައީސްގެ މަގާމު ވެސް ފުރުއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!