ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ހއ.އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ "ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް 1445" ކުރިއަށް ގެންދިޔުމަށް ދެފަރާތުގެ ދެމެދުގައި އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އިއްޔެ އެކަމަށްޓަކައި އަތޮޅު ކައުންސިލުގައި ބޭއްވި ބައްދަލުވުމުގައެވެ. މިޑްލް ސްޕޯޓްސް ކުލަބުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރީ، އެ ކުލަބުގެ ފަރާތުން މުބާރާތަށް ކަނޑައަޅާފައިވާ އިންޗާޖް މުހައްމަދު ސައީދުއެވެ. އަތޮޅު ކައުންސިލުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރީ އެ ކައުންސިލުގެ ރައީސް މޫސާ ޝަފީޤެވެ.
މި މުބާރާތަކީ ފާއިތުވި ދެ އަހަރު ރަމަޞާން މަހު ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުގެ ފަރާތުން "ދިއްދޫ އެންމެ އަލިގަދަތަރި" ނަމުގައި ކުރިއަށް ގެންގޮސްފައިވާ މުބާރާތެކެވެ. އެ ދެ އަހަރު މި މުބާރާތް ހާއްސަ ކޮށްފައި ވަނީ ދިއްދޫގައި ދިރިއުޅޭ ފަރާތްތަކަށެވެ. ނަމަވެސް މިދިޔަ އަހަރުގެ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި މިޑްލް ސްޕޯޓްސް ކުލަބުން، މި އަހަރު މި މުބާރާތް މުޅި އަތޮޅަށް ހުޅުވާލާނެކަން ވަނީ އިޢުލާން ކޮށްފައެވެ. ވުމާއިއެކު މި އަހަރު މި މުބާރާތް ކުރިއަށް ގެންދަނީ "ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް 1445" ގެ ނަމުގައެވެ.
މި އަހަރުގެ މުބާރާތާއި ގުޅޭގޮތުން މިޑްލް ސްޕޯޓްސް ކުލަބުގެ ފަރާތުން ނަޝްވާން އިބްރާހީމް މި ނޫހަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ އަތޮޅު ކައުންސިލާއިއެކު މި ވެވުނު އެއްބަސްވުމުގެ ދަށުން އެ ކައުންސިލުގެ ވަސީލަތްތައް މުބާރާތް ހިންގުމުގައި ބޭނުން ކުރެވޭނެ ކަމަށާއި އަދި އަތޮޅުތެރެއިން މުބާރާތުގައި ބައިވެރިވާ ރަށްތަކާއި ކޯޑިނޭޓް ކުރުމުގައި އަތޮޅު ކައުންސިލުގެ އެއްބާރުލުން ލިބިގެންދާނެ ކަމަށާއި އެއީ މުބާރާތް ހިންގަން ލިބިގެންދާނޭ ބޮޑު ފަސޭހައެއް ކަމަށެވެ.
ނަޝްވާން އިތުރަށް ބުނީ މުބާރާތް އިންތިޒާމްކޮށް ހިންގުމުގައި އަމަލީ މައިގަނޑު މަސައްކަތްތައް މި އަހަރު ވެސް ކުރާނީ މިޑްލް ސްޕޯޓްސް ކުލަބުގެ މެމްބަރުންނާއި ހެޔޮއެދޭ ފަރާތްތައް ގުޅިގެން ކަމަށެވެ.
އަތޮޅަށް ހުޅުވާލައިގެން ބާއްވާ މުބާރާތުން ޖާގަ ދިނުމަށް ހަމަޖެހިފައި ވަނީ އޮޑިޝަނުން އެންމެ ރަނގަޅު ނަތީޖާ ހޯދާ 20 ބައިވެރިންނަށެވެ. ނަމަވެސް މުބާރާތުގެ 20 ޖާގައިގެ ތެރެއިން ތިން ޖާގަ ދިއްދޫއަށް ހާއްސަ ކުރަން ވަނީ ނިންމާފައެވެ.
މުޅިއަތޮޅަށް ހާއްސަކުރާ 17 ޖާގައަށް ވާދަކުރުމުގެ ފުރުޞަތު ދިއްދޫގެ ބައިވެރިންނަށް ވެސް ލިބިގެންދާނެއެވެ. ސަތާރަ ބައިވެރިން ސެލެކްޓް ކުރުމަށް ފަހު ދިއްދޫއަށް ހާއްސަކުރާ ތިން ޖާގައަށް ނަގާނީ 17 ބައިވެރިންގެ ތެރޭ ނުހިމެނުނު ފަރާތްތަކުގެ ތެރެއިން ދިއްދޫއަށް ނިސްބަތްވާ އެންމެ ރަނގަޅު ނަތީޖާ ހޯދާ ތިން ބައިވެރިންނެވެ. މިމުބާރާތުގެ ތިން ޖާގައެއް ދިއްދޫއަށް ހާއްސަ ކޮށްފައި ވަނީ މުބާރާތް ހޯސްޓްކޮށް ހިންގާ ރަށްކަމަށް ވާތީއެވެ.
މިޑްލް ސްޕޯރޓްސް ކުލަބު ރަޖިސްޓްރީ ކޮށްފައި ވަނީ 9 ޖޫން 2016 ގައެވެ. އެ ޖަމިއްޔާއަކީ ދިއްދޫގެ ކުރިއެރުމަށް އެކި ދާއިރާތަކުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމިއްޔާއެކެވެ. މިގޮތުން ކުޅިވަރާއި ރަށުގެ އިޖްތިމާއީ، ދީނީ އަދި ތައުލީމީ ގޮތުން އެކި ޙަރަކާތް އެ ޖަމިއްޔާއިން އަންނަނީ ހިންގަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!