ދިވެހި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މާލެއިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ރޭ ހައްޔަރުކޮށްފިއެވެ.

މި އޮޕަރޭޝަނަކީ، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ ހިންގެވި އޮޕަރޭޝަނެއްކަމަށް ފުލުހުން ވަނީ މައުލޫމާތު ހާމަކުރައްވާފައެވެ. މި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން މާލޭގެ ދެގެއެއް ވަނީ ބަލާފާސްކޮށްފައެވެ.

Ad
rt

ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އެޕަރޭޝަނުގައި، ހައްޔަރުކޮށްފައި ވަނީ ދެ ދިވެހި ފިރިހެނުންނެވެ. އެއީ 27 އަހަރުގެ މީހަކާއި 30 އަހަރުގެ މީހެކެވެ.

''އެ ދެގެ ބަލައިފާސްކުރި އިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި 78 ސެލޯފިންކޮޅު، 10 ރަބަރު ޕެކެޓު، ފިލްމު ހުސްކުރި 8 ދަޅު، 3 ފުޅި، ޖޫސްޕެޓީ ދެކޮތަޅު އަދި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބިޑިއެއް ފެނިފައިވޭ'' ފުލުހުން ވިދާޅުވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 27 އަހަރުގެ މީހާ އަށް ތިން ދުވަސް ދީފައިވާއިރު 30 އަހަރުގެ މީހާއަށް އެއް ދުވަސް ދީފައިވެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށް އެ އިދާރާއިން މައުލޫމާތު ދެއްވައެވެ.