އިދިކޮޅު ކޯލިޝަންގެ ސަރުކާރެއްގައި އެކުލަވާލާނީ ހިންގުންތެރި، ހީވާގި، ތައުލީމީ އަދި ރައްޔިތުން ފަހުރުވެރިވާ ކެބިނެޓެއް ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

"ސަންގު" ޓީވީ އާއި "ޗެނަލް 13″ ގުޅިގެން ދެއްކި "އާސްކު މުއިއްޒު" ޕްރޮގްރާމުގައި މީހަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ އޭނަގެ ވެރިކަމެއްގައި ކެބިނެޓެއް އެކުލަވާލާއިރު ހުރިހާ ކަމަކަށްވެސް ބައްލަވާނެ ކަމަށެވެ. އަދި ކެބިނެޓްގައި ތިއްބަވާނީ އެ ދާއިރާއަކުން ތަޖުރިބާ ހުންނެވި ފަންނީ، ހިންގުންތެރި ބޭފުޅުން ކަމަށް ވިދާޅުވިއެވެ.

Ad
rt

"އަޅުގަނޑުމެން ގާއިމުކުރާ ކެބިނެޓުގައި ތިބޭނީ އިރާދަކުރެއްވިއްޔާ އެ ދާއިރާތަކުން ތައުލީމު ލިބިފައި ތިބި، އެދާއިރާގައި ތަޖުރިބާ ހޯދާފައި ތިބި އަދި ވަރަށް ހީވާގި ކަމާއެކީގައި މަސައްކަތް ކުރާ މީހުން." މުއިއްޒު ވިދާޅުވިއެވެ.

ތައުލީމީ ދާއިރާ އިން މިސާލް ނަންގަވައި މުއިއްޒު ވިދާޅުވީ އެ ދާއިރާ ހިންގެވުން ހަވާލު ކުރައްވާނީ ތައުލީމު ހާސިލްކޮށްގެން ހުންނެވި ހީވާގިކަމާއެކު މަސައްކަތްކުރާނެ އިޚުލާސްތެރި ބޭފުޅަކު ކަމަށެވެ. ތައުލީމީ ނިޒާމު ވަރުގަދަކޮށް އެ ނިޒާމުގައި ހުރި މައްސަލަތައް ހައްލުކުރެވޭނެ ކަމުގެ ގެރެންޓީ އޮތް ބޭފުޅަކަށް ކެބިނެޓުގައި އިންނަވާ ބޭފުޅާ ވާން ޖެހޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އެކަމަށް އެއްވެސް ފަރާތަކުން ނުފޫޒު ނުފޯރުވޭނެ ކަމަށް ވިދާޅުވިއެވެ.

"ވަކި މީހަކު ބުނާ މީހަކު ލައިގެން، އަޅުގަނޑު ނޫޅެން މިގޮތަށް ކަންތައްކުރާކަށް. އަޅުގަނޑު ވަރަށް ސީރިޔަސްކަމާއެކީ މިކަމުގައި މިހުރީ، އަޅުގަނޑު ބޭނުން ހަގީގީ މާނައިގައި ރައްޔިތުންނަށް ކުރިއެރުން ގެނެސްދެން." މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު އެގޮތަށް ވިދާޅުވި އިރު، އޭނާ ވެރިކަމަށް ވަޑައިގެންފި ނަމަ، އެޑިއުކޭޝަން މިނިސްޓްރީ ޖަމިއްޔަތުއް ސަލަފް އާ ހަވާލު ކުރަން އުޅޭ ކަމުގެ ވާހަކަތައް ވަނީ ފަތުރައިފައެވެ. އަދި މުއިއްޒުގެ ވެރިކަމެއްގައި ގޭންގްތަކުގެ ބާރު ގަދަ ކުރާނެ ކަމަށް ބުނެ އަޑު ފަތުރާފައިވެއެވެ. ނަމަވެސް މުއިއްޒު ވަނީ އެ ހުރިހާ ވާހަކަތަކެއް ދޮގު ކުރައްވައި، ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ނަތީޖާ ނެރެ ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.