މިލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް

IMG_0998

ށ. މިލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ހަތަރު ވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށެވެ. އަދި ގައު އެތުރުމުގެ މަސައްކަތުގެ 53 ޕަސެންޓް ނިމިއްޖެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި މަޝްރޫއުގެ ދަށުން، 17,900 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 72,938 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އައު ހާބަ ބޭސިން ފުންކުރުމާއި، 8400 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެެރު ފުންކުރުމާއި، 583 މީޓަރުގެ ބޭރުތޮށި ލުމާއި، 316 މީޓަރުގެ އެއްގަމުތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ.

މީގެ އިތުރުން، 93 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 25 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި، 2 ބްރިޖެއް ހެދުމާއި، 130 މީޓަރު ދިގު 2 މީޓަރު ފުޅާ ޖެޓީއެއް ހެދުމާއި، އެކްސަސް ޕްލެޓްފޯމެއް ހެދުމާއި، 3,863 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތާއި ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

މިއީ 76.44 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *