މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ދަ ޑިމޮކްރެޓުން އަރާނެ ފަޅިއެއް މިރޭ ނިންމާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.
އެ ޕާޓީން ބުނީ މި ނިންމުން ނިންމާނީ މިރޭ ބާއްވާ އެ ޕާޓީގެ އިންޓެރިމް ކައުންސިލް ބައްދަލުވުމުގައި ކަމަށެވެ. މިއީ ޑިމޮކްރެޓްސްގެ އިންޓެރިމް ކައުންސިލްގެ ހަތްވަނަ ބައްދަލުވުން ކަމަށާއި މި ބައްދަލުވުން އޮންނާނީ މިރޭ ނުވައެއް ޖަހާއިރު ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގައި ކަމަށް ވެސް އެ ޕާޓީން ބުނެއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޑިމޮކްރެޓުން ތާއީދު ކުރާނެ ބަޔަކާއިމެދު ގޮތެއް ނިންމުމަށް މި މަހުގެ 12 ވަނަ ދުވަހު ބޭއްވި އެ ޕާޓީގެ އިންޓެރިމް ކައުންސިލް ބައްދަލުވުމުގައި ވަނީ އެމްޑީޕީ އާއި ޕީޕީއެމް އާއެކު މަޝްވަރާކުރުމަށް ހަ މެންބަރުންގެ ކޮމިޓީއެއް އެކުލަވާލާފައެވެ.
ޑިމޮކްރެޓްސްގެ ފަރާތުން އެ ކޮމިޓީން އެމްޑީޕީ އާއި ޕީޕީއެމަށް ވެސް ހުށަހަޅާފައިވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން މި މަހުގެ 25 ގައި ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށެވެ.
އެހެންނަމަވެސް އެއްބަސްވުމެއްގައި ސޮއިކުރަން ޕީޕީއެމުން ބޭނުންނުވާތީ ޑިމޮކްރެޓްސް އިން ވަނީ އެ ޕާޓީ އާއެކު ކުރިއަށްދިޔަ މަޝްވަރާތައް ހުއްޓާލާފައެވެ.
ޑިމޮކްރެޓުންގެ ހުށަހެޅުމަށް މިހައިތަނަށް އެއްވެސް ޖަވާބެއް ދީފައިނުވާއިރު، އެ ޕާޓީ އާއެކު ޑިމޮކްރެޓުން މަޝްވަރާ ކުރަމުންދާ ކަމަށް ވަނީ ބުނެފައެވެ.
ރާއްޖޭގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން މި މަހުގެ 9 ވަނަ ދުވަހު ބޭއްވިއިރު، 8 ކެންޑިޑޭޓުން ވަނީ ވާދަކުރައްވާފައެވެ. މިއީ މަލްޓިޕާޓީ ސިސްޓަމަށް ރާއްޖޭގެ ވެރިކަން ކުރަންފެށިފަހުން އެންމެގިނަ ކެންޑިޑޭޓުން ވާދަކުރި ފަހަރުވެސް މެއެވެ.
އެހެންނަމަވެސް އިންތިހާބު ކާމިޔާބު ކުރުމަށް 50 އިންސައްތަ ވޯޓު ހޯދަންޖެހޭއިރު، އެއްވެސް ބޭފުޅަކަށް އެ އަދަދަށް ވޯޓު ހަމަކުރެވިފައެއް ނުވެއެވެ. އެހެންވެ، ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާނެ ބޭފުޅަކު ކަނޑައެޅުމަށް ދެވަނަ ބުރެއްގައި ވޯޓުލުމަށް ވަނީ ނިންމާފައެވެ.
ދެވަނަ ބުރުގައި ވޯޓުލާނީ ފުރަތަމަ ބުރުން އެންމެގިނަ ވޯޓު ހޯއްދެވި ދެ ކެންޑިޑޭޓުންނެވެ. އެއީ ޕީއެންސީގެ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއި އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސާލިހެވެ.