ރައްޔިތުންގެ މަޖިލީހުގެ ކޯރަމް ހަމަނުވެގެން މިއަދުގެ ޖަލްސާ ވެސް ފެށޭގޮތެއްނުވިއެވެ.

މިއަދު ކުރިއަށް ގެންދަން ތާވަލުކޮށްފައި އޮތީ ރައްޔިތުންގެ މަޖިލިސްގެ 2023 ވަނަ އަހަރުގެ ތިން ވަނަ ދައުރުގެ ހަވަނަ ޖަލްސާއެވެ.

Ad
rt

މި ޖަލްސާގެ އެޖެންޑާގައި އިބުތިދާއީ ބަހުސްގެ ބައިގައި ހިމަނާފައިވަނީ، މަޑުއްވަރީ ދާއިރާގެ މެންބަރު، އިދިކޮޅު ޕީޖީ ލީޑަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ ''ގެއްލުނު މަސްކަނޑުގެ ބައި އަވަހަށް ހޯދުމަށް ގޮވައިލާ'' ގަރާރެވެ.

މީގެ އިތުރުން ނުނިމި ހުރި މަސައްކަތްތަކުގެ ތެރޭގައި ކުނި މެނޭޖު ކުރުމުގެ ޤާނޫނަށް އިސްލާހް ގެނައުމުގެ ބިލާއި، އިންޑަސްޓްރިއަލް ރިލޭޝަންސްގެ ބިލާއި، ކުނަހަންދޫ އާއި ހިތަދޫ ކޯޒްވޭ ގަރާރާއި، ފެނަކައިން ކުންފުނިތަކަށް ދޭންޖެހޭ ފައިސާ އަވަސްކުރުމުގެ ގަރާރާއި އަދި އިންތިޚާބު އިންސާފުވެރިކުރުމަށް ގޮވާލާ ގަރާރު ހިމެނެއެވެ.

މިއަދުގެ ޖަލްސާ ވެސް ފަށަން އޮތީ ހެނދުނު 9:00 ގައެވެ. ނަމަވެސް ކޯރަމް ނުލިބުމުން ގަޑިއަށް ޖަލްސާ ފެށޭގޮތެއް ނުވިއެވެ. ކޯރަމް ހަމަނުވުމުން 9:30 އާ ހަމައަށް ޖަލްސާ ފަސްކުރުމުން ވެސް ފެށޭ ގޮތް ނުވުމުން ނަޝީދު ވަނީ މަޖިލީހުގެ މެޖޯރިޓީ އޮންނަ، 56 މެންބަރުން ތަމްސީލުކުރާ އެމްޑީޕީ މެމްބަރުން މި ކަމަށް ސަމާލުވުމަށް އެދިވަޑައިގެންފަ އެވެ. އަދި އޭގެތެރެއިން މެންބަރުން މަޖިލިސް ކުޑަދޮށުގައި ތިއްބެވިކަމަށާއި، ޖަލްސާކުރާ މާލަމަށް ނުވެންނެވި ކަމަށް ވިދާޅުވިއެވެ.

މަޖިލިސް ފަހުގެ ޖަލްސާތައް ކޯރަމްގެ މައްސަލަ ދިމާވެ، ބުރެކި ޖެހިފައިވާއިރު ގިނަ މެންބަރުން އުޅުއްވަނީ ރިޔާސީ ކެމްޕޭންގައެވެ.