ހއ. ބާރަށުގެ އުމުރުން 10 ދުވަސްވީ ކުއްޖެއްގެ ނަން ވޯޓާސް ލިސްޓްގައި އެބައޮތް ކަމަށް ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާޙީމް ސުޖާއު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ނައިބު ރައީސެއްގެ މަގާމު ވެސް ފުރައްވަމުން ގެންދަވާ ޝުޖާއު މިހެން ވިދާޅުވީ، އިލެކްޝަންސް ކޮމިޝަން އާއި އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ޓެގް ކުރައްވައި މީސްމީޑިއާގައި ޚިޔާލު ފާޅުކުރައްވަމުންނެވެ.
ސުޖާއު އިއްޔެ ވިދާޅުވެފައިވާގޮތުގައި، ބާރަށު/ތިނަދޫގެ، އާސިފް އަބްދުالله އަށް މީގެ 10 ދުވަސް ކުރިން ލިބުނު ލޯބި ލޯބި ދަރިފުޅުގެ ނަން ވެސް ވޯޓާސް ލިސްޓްގައި އެބައޮތެވެ.
''އުމުރުން އަދި 10ދުވަސް، ފުރަތަމަ ގޮސް ބެލީ. ބެލި އިރު ކުއްޖާގެ ރަށާއި، ނަމާއި، އެޑްރެސް ދިމާވޭ. އައިޑީކާޑު ނަމްބަރު ދިމާނުވޭ. މިއޮތީ މިކުއްޖާގެ ނަމުގައި މީހެއް ވޯޓް ލާން ސެޓް ކޮށްފަ. ކީކޭ ދެން ބުނާނީ.'' ސުޖާއު ވިދާޅުވިއެވެ.
''ހއ.ބާރަށު،ތިނަދޫގެ އާސިފް އަބްދުالله އަށް މީގެ 10ދުވަސް ކުރިން ލިބުނު ލޯބި ލޯބި ދަރިފުޅުވެސް އެބައޮތް ވޯޓަރސް ލިސްޓްގަ.އުމުރުން އަދި 10ދުވަސް @ElectionsMv .ފުރަތަމަ ގޮސް ބެލީ.ބެލި އިރު ކުއްޖާގެ ރަށާއި،ނަމާއި،އެޑްރެސް ދިމާވޭ.އައި ޑީ ކާރޑް ނަމްބަރު ދިމާނުވޭ.މިއޮތީ މިކުއްޖާގެ… pic.twitter.com/WSakiB15AI
— Ibrahim Shujau (@IbrahimShujaau) September 17, 2023''
''ޝަކުވާ ހުށައަޅައިފިން. އަދިވެސް ހައްލު ނުލިބޭ. ކިހާ ދެރަކަމެއްމީ'' ސުޖާއު އިތުރަށް ވިދާޅުވެފަވެއެވެ.
ސުޖާއު މިހެން ވިދާޅުވެފައިވާއިރު، އިދިކޮޅުން އަންނަނީ ރީ-ރަޖިސްޓަރޭޝަން މަރުހަލާއާއި ގުޅުވައި އީސީގެ މައްޗަށް ބޮޑު ތުހުމަތުތަކެއް ކުރަމުންނެވެ. މިގޮތުން 25 ހާހަށް ވުރެގިނަ މީހުން ރީ-ރަޖިސްޓަރީވާން ލުމުން ސުވާލު އުފައްދާފައިވާއިރު، ރީ-ރަޖިސްޓްރޭޝަން ޕޯޓަލްގެ އެކްސެސް އެމްޑީޕީއަށް ލިބިފައިވާ ކަމުގެ ތުހުމަތު ވެސް ވަނީ ކޮށްފައެވެ.
މި ތުހުމަތާއިގުޅިގެން އީސީގެ ނައިބު ހަބީބު އިއްޔެ ވިދާޅުވެފައި ވަނީ، ރިޔާސީ އިންތިހާބު 2023 ގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލްގެ އެކްސެސް، އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ މެންބަރަކަށް ނުވަތަ ކަމާ ނުބެހޭ އެއްވެސް ފަރާތަކަށް ދީފައި ނޯންނާނެ ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގެ ރީ-ރެޖިސްޓްރޭޝަން އޮންލައިން ޕޯޓަލް ހެކް ކުރުމަށް، ބޭރުން މަސައްކަތް ކޮށް، އެޓޭކްތަކެއް ދޭން އުޅުނަސް، އެކަން ދެނެގަނެ، ޙައްލުކުރުމުގެ ޤާބިލުކަން، އީސީގައި ގާއިމްކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ހަބީބު ވަނީ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް އާ މެދު ޙަގީގަތާ ޚިލާފު ޚަބަރުތައް ނުފެތުރުއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސް ކުރައްވާކަމަށް ވިދާޅުވެފައެވެ.
ހަބީބު ކުރިން ވިދާޅުވެފައިވާގޮތުގައި ރިޔާސީ އިންތިހާބު 2023 ގެ ދެވަނަބުރުގެ ރީ-ރެޖިސްޓަރ ކުރުމަށް، ގިނަ އަދަދެއްގެ ފޯމު ހުށަހަޅާ ފަރާތްތަކުން، ގެންނަ ފޯމުގެ ސައްހަކަން ކަށަވަރު ކުރުމުގެ ގޮތުން، އިލެކްޝަންސް ކޮމިޝަންގެ ފޯނު ނަންބަރަކުން، ފޯމު ހުށަހަޅާ ފަރާތްތަކަށް ގުޅާނެއެވެ. އަދި ސައްހަނޫން ފޯމެއް ހުށަހަޅައިފިނަމަ، އެ ފޯމެއް ހުށަހެޅި ފަރާތަކާ މެދު އިލެކްޝަންސް ކޮމިޝަނުން ފިޔަވަޅު އަޅާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!