ގޮއިދޫ ރައީސް ޝާހިދު ޕީޕީއެމާ ގުޅިއްޖެ

ޝާހިދުގެ މެންބަރުޝިޕް ފޯމު ހަވާލުކުރަނީ، ފޮޓޯ: ޕީޕީއެމް
ޝާހިދުގެ މެންބަރުޝިޕް ފޯމު ހަވާލުކުރަނީ، ފޮޓޯ: ޕީޕީއެމް

ށ. ގޮއިދޫ ކައުންސިލްގެ ރައީސް އިބްރާހީމް ޝާހިދު، އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ރޭ ގުޅިއްޖެއެވެ.

ޝާހިދު ޕީޕީއެމާއި ގުޅިފައި ވަނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުޢިއްޒު ރޭ ށ. ވެރިރަށް ފުނަދޫގައި ބޭއްވެވި ކެމްޕޭން ޖަލްސާގައެވެ.

އިދިކޮޅު ކެންޑިޑޭޓް ޑރ. މުޢިއްޒަށް ތާއިދުކޮށް، ޝާހިދުގެ އިތުރުން ވެސް ށ. އަތޮޅުގެ ނަގާކިޔާ ބައެއް ބޭފުޅުން ރޭ ވަނީ ޕީޕީއެމާއި ގުޅިފައެވެ.

ޝާހިދަކީ މިނިވަން މެންބަރެއްގެ ގޮތުގައި ގޮއިދޫ ކައުންސިލަށް އިންތިޚާބުވެފައިވާ ބޭފުޅެކެވެ. މިއީ އޭނާ ގޮއިދޫ ކައުންސިލްގެ ރައީސް ކަމުގެ މަގާމު ފުރުއްވަމުން ގެންދަވާ ތިން ވަނަ ދައުރެވެ.

މި މަހު 9 ވަނަ ދުވަހު އޮތް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އިދިކޮޅު ކެންޑިޑޭޓް ޑރ. މުޢިއްޒު ވަނީ ށ. އަތޮޅުން ވޯޓުލީ މީހުންގެ 46 އިންސައްތައާއެކު މެޖޯރިޓީ ހޯއްދަވާފައެވެ. އެ އަތޮޅުން އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިހަށް ލިބިވަޑައިގަތީ 45 އިންސައްތަ ވޯޓެވެ. ނަމަވެސް ފުރަތަމަ ބުރުގައި ގޮއިދޫން މެޖޯރިޓީ ހޯދީ ރައީސް ޞާލިޙްއެވެ. އެއީ 61 އިންސައްތަ ވޯޓެވެ. އެރަށުން މުޢިއްޒު އަށް ލިބިވަޑައިގަތީ 33 އިންސައްތަ ވޯޓެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި