ރިޔާސީ އިންތިޚާބާ ގުޅިގެން ސްޓެލްކޯގެ ތަސައްވުރު ކިލަނބުވާގޮތަށް ފަތުރަނީ ކަނޑައެޅިގެން ހަގީގަތާއި ޚިލާފު ވާހަކަތަކެއް ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ސްޓެލްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރިޔާސީ އިންތިޚާބާއި ގުޅުވައިގެން "ދިޔަރެސް" ނޫހާއި، "ޗެނަލް 13" އިން ސްޓެލްކޯއާ މެދު ރައްޔިތުންގެ އިތުބާރު ގެއްލޭގޮތަށް އަދި، ކުންފުނީގެ ތަސައްވުރު ކިލަނބުވާގޮތަށް ކަނޑައެޅިގެން ހަގީގަތާއި ޚިލާފު ވާހަކަތަކެއް ފަތުރަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެގޮތުން ރިޔާސީ އިންތިހާބާއި ގުޅުވައި، އެ ކުންފުނިން ހިޔާ ޓަވަރުތަކުން ކަރަންޓުގެ ޚިދުމަތް މެދުކަނޑާލަން އުޅޭ ކަމަށްބުނެ ބުހުތާނު ދޮގު ޚަބަރުތައް ފަތުރަމުންދާކަން އެ ކުންފުނިން ފާހަގަކުރެއެވެ.
އެ ޚަބަރުތަކަކީ، އެއްވެސް ކަހަލަ އަސާސެއްގެ މައްޗަށް ބިނާކޮށް ފަތުރަމުންދާ ޚަބަރުތަކެއް ނޫން ކަމުގެ ޔަގީންކަން ސްޓެލްކޯއިން އަރުވައެވެ.
އެ ކުންފުނިން ފޯރުކޮށްދެމުންދާ ޚިދުމަތްތަކަކީ ރައްޔިތުންގެ ދިރިއުޅުމާއި ސީދާ ގުޅިފައިވާ އަސާސީ ޚިދުމަތްތަކެއް ކަމުގައިވުމުން، އެ ޚިދުމަތްތައް އެންމެ ފުރިހަމަގޮތުގައި ފޯރުކޮށްދިނުމަށް ގެންނަންޖެހޭ އަޕްގްރޭޑްތަކާއި، މެއިންޓަނެންސް ފަދަ ރޭވިގެން ކުރާ މަސައްކަތްތަކާއި އެ މަސައްކަތްތަކާ ގުޅިގެން ޚިދުމަތައް އެއްވެސް ކަހަލަ މެދުކެނޑުމެއް އަންނަ ނަމަ، އެ މަސައްކަތް ހިނގާނެ ވަގުތާއި، ސަރަހައްދާއި، ހޭދަވާނެ ކަމަށް ބެލެވޭ ވަގުތާއި އެހެނިހެން މައުލޫމާތު ދުރާލާ ސޯޝަލް މީޑިއާ އަދި، މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް އަންގަމުން ގެންދާނެ ކަމަަށް ސްޓެލްކޯއިން ބުންޏެވެ. އެއާ ޚިލާފަށް މިހާތަނަށް މެނޭޖްމަންޓުން އަމަލުކޮށް، އެއްވެސް ސަހަރައްދަކުން ކަރަންޓުގެ ހިދުމަތް މެދުކަނޑާލާފައި ނުވާނެ ކަމުގެ ޔަގީންކަން ވެސް އެ ކުންފުނިން ވަނީ އަރުވާފައެވެ.
ބިނާކުރަނިވި ފާޑު ކިޔުމަށް އެ ކުންފުނިން އަބަދުވެސް މަރުޙަބާ ކިޔާކަން ސްޓެލްކޯއިން ފާހަގަކުރިއެވެ. ނަމަވެސް، ފަޚުރުވެރި ދިގު ތާރީހެއް އޮތް ކުންފުންޏާއި، ކުންފުނީގެ މުވައްޒަފުން ބަދުނާމުކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތަކާއި ގުޅުވައި ކަނޑައެޅިގެން ދޮގު ވާހަކަ ފަތުރައި، ނުތަނަވަސްކަން އުފެއްދުމަކީ ބަލައިގަންނާނެ ކަމެއްނޫން ކަމުގައި ސްޓެލްކޯއިން ބުންޏެވެ.
ނޫސްވެރިކަމުގެ މިނިވަންކަމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ޤާނޫނު އަސާސީއާއި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުއާހަދާތަކުން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއް ނަމަވެސް، އެ ކުންފުންޏާއި ގުޅޭގޮތުން ފަތުރަމުންދާ ހަގީގަތާއި ޚިލާފު ދޮގު ވާހަކަތަކަކީ، އެ އަސާސްތަކާއި ކަނޑައެޅިގެން ޚިލާފަށް ފަތުރަމުންދާ ވާހަކަތަކެއްކަންވެސް ސްޓެލްކޯއިން ބުންޏެވެ. އެ ކުންފުނިން ވަނީ ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގައި ނޫސްވެރިކަމުގެ މިނިވަންކަމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ އަސާސްތަކާއި، އިންތަކާއި މިންތައް، ދެމެހެއްޓުމަށް އިލްތިމާސްކޮށްފައެވެ.