ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ނިންމާނެ ގޮތަކާ މެދުގައި މަޝްވަރާ ކުރަން މިއަދަށް ތާވަލް ކުރި ކައުންސިލް ބައްދަލުވުން ފަސްކޮށްފިއެވެ.

"ތިލަދުން" އަށް އެނގިފައިވާ ގޮތުގައި ކައުންސިލް ބައްދަލުވުން ފަސް ކުރީ ކޯލިޝަން ހެދުމާ ގުޅޭ މަޝްވަރާތައް އަދިވެސް ނިމިފައި ނުވާތީއެވެ.

Ad
rt

ކޯލިޝަން ހެދުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ގާސިމްގެ އަރިހަށް އެންމެ ފުރަތަމަ ވަޑައިގެންނެވީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފާއި އެ ޕާޓީގެ އިސް ދެ ބޭފުޅުންނެވެ. އެ ބައްދަލުވުން ރޭގައި ކުރިއަށް ދިޔައިރު، ހަތަރު ގަޑިއިރަށް ދެމިގެން ދިޔައެވެ.

އޭގެ އިތުރުން ގާސިމް އާ އެކު މަޝްވަރާ ކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިލާ ޕާކު (ސަން އައިލެންޑް) ރިސޯޓަށް މިއަދު ވަޑައިގަންނަވަން ވަނީ ނިންމަވައިފައެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ޖޭޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ލީޑަރު ގާސިމް އިބްރާހިމަށް ލިބިވަޑައިގަތީ 5،000 އަށް ވުރެ ގިނަ ވޯޓެވެ. އެއީ ވޯޓު ދިން މީހުންގެ %2 ވޯޓެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ގާސިމް ފަސް ވަނަ އަށް ދިއުމަކީ ގިނަ ބަޔަކަށް ހައިރާންކަން ލިބުނު ކަމެކެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާނީ ރައީސް ސޯލިހާއި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒެވެ. މިިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވީ މުއިއްޒެވެ. އޭނާ ވަނީ ލައްކައަކަށް ވުރެ ގިނަ ވޯޓު ހޯއްދަވައިފައެވެ. މުއިއްޒާ ވާދަކުރެއްވި ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 85،000 އަށް ވުރެ ގިނަ ވޯޓެވެ. އެކަމަކު، އެއްވެސް ކެންޑިޑޭޓަކަށް %50 އަށް ވުރެ އިތުރަށް ވޯޓު ލިބިވަޑައިގެންފައި ނުވާތީ ދެވަނަ ބުރެއް ބާއްވަން ވަނީ ޖެހިފައެވެ. ދެވަނަ ބުރުގެ ވޯޓުލުން ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 30 ގައެވެ.

ރައީސް އާއި ގާސިމް މިއަދު ބައްދަލުކުރައްވާއިރު، ޖުމްހޫރީ ޕާޓީ އަކީ މިހާރު ވެސް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީއެކެވެ. އެކަމަކު، ރައީސްއާ އެކީގައި ކުރިއަށް ވަޑައިގަތުމުގެ ބަދަލުގައި ޖޭޕީން ނިންމާފައި ވަނީ ވަކިން ރިޔާސީ އިންތިހާބުގައި ވާދަކުރާށެވެ.