ނިމިދިޔަ އޮގަސްޓު މަހު، މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 1.60 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް އެ އިދާރާ އިން މައުލޫމާތު ދީފިއެވެ.
މީރާގެ ތަފާސް ހިސާބުން ދައްކާގޮތިގައި މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %21.0 އިތުރު އަދަދެކެވެ. އެހެންނަމަވެސް މިއަހަރުގެ އޮގަސްޓު ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %7.7 މަދު އަދަދެއް ކަމަށް އެ އިދާރާ އިން ހާމަކުރައްވައެވެ.
މިރާ އިން ވިދާޅުވީ މިދިޔަ އަހަރުގެ އޮގަސްޓު މަހު ލިބުނު އާމްދަނީ އާ އަޅާބަލާއިރު، މިއަހަރުގެ މި މަހު ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޖީ.ޖީ.އެސް.ޓީ، ޓީ.ޖީ.އެސް.ޓީ، ޓޫރިޒަމް ލޭންޑް ރެންޓް އަދި އެއަރޕޯޓް ޓެކުހާއި ފީ ގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުން ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއިން ލިބިފައިވާ އާމްދަނީ އިތުރުވުމުގެ ސަބަބަކީ ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އިންސައްތަ 9.0% އަށް އިތުރުވެފައިވުން ކަމަށް ވެސް ވިދާޅުވެއެވެ.
މީގެ އިތުރުން ޖީ.އެސް.ޓީގެ ރޭޓަށް އައި ބަދަލާއި ގުޅިގެން ޓީ.ޖީ.އެސް.ޓީ އާއި ޖީ.ޖީ.އެސް.ޓީ އިން ލިބުނު އާމްދަނީ މިދިޔަ އަހަރުގެ ޖުލައި މަހާއި އަޅައިބަލާއިރު އިތުރުވެފައިވާކަން މީރާ އިން ވަނީ ފާހަގަކުރައްވާފައެވެ.
އެ އިދާރާ އިން ވިދާޅުވީ މި އަހަރުގެ އޮގަސްޓު ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ މަދުން އާމްދަނީ ލިބިފައިވަނީ އިންކަމް ޓެކްސް، ޓީ.ޖީ.އެސް.ޓީ އަދި ގްރީން ޓެކްސް ގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރި އާމްދަނީއަށްވުރެ ލިބިފައިވާ އާމްދަނީ މަދުވުން ކަމަށެވެ. އަދި މި އޮގަސްޓް މަހު އަންދާޒާކޮށްފައިވާ އަދަދާއި އަޅާބަލާއިރު، ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އިންސައްތަ 0.2% އަށް ދަށްވެފައިވުމުން، ފަތުރުވެރިކަމުގެ ދާއިރާއިން ނެގޭ ގްރީން ޓެކުހާއި ޓީ.ޖީ.އެސް.ޓީ އިން ލިބުނު އާމްދަނީ މަދުވެފައިވާ ކަމަށް ވެސް މީރާ އިން ވިދާޅުވެއެވެ.
މީރާގެ ތަފާސް ހިސާބުން ދައްކާގޮތުގައި މިއަހަރުގެ އޮގަސްޓު މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީ އިންނެވެ. އެއީ 9.43 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކުހުން ކަމަށާއި 1.88 ބިލިއަން ރުފިޔާ ކަމަށް ވެސް ތަފާސް ހިސާބުން ދައްކައެވެ.
މީގެ އިތުރުން އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 90.4 މިލިއަން ރުފިޔާ، ޑިޕާޗާ ޓެކުހުގެ ގޮތުގައި 87.8 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 69.5 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 2.15 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ވެސް ތަފާސް ހިސާބުން ދައްކައެވެ.
މީރާ އިން ވިދާޅުވީ މިއަހަރުގެ އޮގަސްޓު މަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 62.0 މިލިއަން އެމެރިކާ ޑޮލަރު ވެސް ހިމެނޭ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!