ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ އިން ބަލިވިޔަސް އިސްލާހީ ބަދަލު ގެނައުމުގެ މަސައްކަތުގައި ދެމިހުންނަވާނެ ކަަމަށް އަމިއްލަގޮތުން ވާދަކުރެއްވި، އެމްއާރްއެމްގެ ރައީސް އަހްމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން ފާރިސް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބުގައި އޭނާއަށް ތާއިދުކޮށް ވޯޓު ދިން ހުރިހާ އެންމެނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

Ad
rt

މީގެ އިތުރުން ވޯޓުން ކޮންމެ ނަތީޖާއެއް ނިކުތް ނަމަވެސް ކުރިއަށް އޮތްތަނުގައި ވެސް އިސްލާހީ ބަދަލު ގެނައުމުގެ މަސައްކަތުގައި ދެމިހުންނަވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާކަމަށް ވަނީ ވިދާޅުވެފައެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ފާރިސް އަށް ލިބިވަޑައިގެންނެވީ 2993 ވޯޓެވެ. އެއީ 1.36 ޕަސެންޓެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ މިހާރު އިއުލާން ކޮށްފައިވާއިރު، 101،180 ވޯޓާއެކު ކުރި ހޯއްދަވާފައި ވަނީ ޕީއެންސީގެ ކެންޑިޑޭޓް އަދި މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މިހާރުގެ ރައީސް ސާލިހަށް ލިބިވަޑައިގަތީ 85،935 ވޯޓެވެ.

އެހެންކަމަށްވުމާއެކު، އެއްވެސް ބޭފުޅަކަށް 50 ޕަސެންޓު ލިބިވަޑައިގެންފައި ނުވާތީ، އިންތިހާބުގެ ދެވަނަ ބުރަކަށް ވަނީ ދާން ޖެހިފައެވެ. ދެވަނަ ބުރު ބާއްވާން ނިންމާފައިވަނި މި މަހުގެ 30 ވަނަ ދުވަހުއެވެ.

މިއަހަރުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 282،395 މީހަކަށް ލިބިފައިވާއިރު، އެއީ 138،196 އަންހެނުންނާ 144،199 ފިރިހެނުންނެވެ. އަދި މި އިންތިހާބުގައި ވޯޓުލުމަށް އަލަށް ޝަރުތު ހަމަވި 20،270 ޒުވާނުން ވެސް ހިމެނެއެވެ.

އެހެންނަމަވެސް އެހެން އިންތިހާބުތަކަށް ވުރެ މި އިންތިހާބުގައި ވޯޓުލީ މީހުން ނިސްބަތުން މިފަހަރު މަދު ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.