އިދިކޮޅު ކޯލިޝަން ރަށްފުށަށް ޗޮއިސް އެއް ނޫންކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު ޔާސިރު އަބްދުލް ލަތީފް ވިދާޅުވެއްޖެ އެވެ.

ޔާސިރު މިފަދައިން ވިދާޅުވި، ކުރިއަށް އޮތް ފަސް އަހަރަށް ރައީސަކު ހޮވަން އިއްޔެ ބޭއްވި ވާދަވެރި އިންތިހާބުގައި، ލައްކައަކަށް ވުރެ ގިނަ ވޯޓާ އެކު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކުރި ހޯއްދެވުމާއި ގުޅިގެންނެވެ.

Ad
rt

ޔާސިރު އިއްޔެ ކުރެއްވި ޓުވީޓުގައި ވިދާޅުވީ، ދިވެހީންގެ ދިރިއުޅުން އުޖާލާކުރުވި އެމްޑީޕީއަށް ދެވަނަ ދައުރެއް އެއްބުރުން ކާމިޔާބުނުވެ މިދިޔައީ ދެވެރީން މާބޮޑާށް ހިޔާލް ދެކަފިވުމުންކަމަށެވެ.

"ދެންވެސް އެދެނީ ދެވެރީން އެކުގައި މަސައްކަތް ކޮށްދެއްވާ މިރާއްޖެ ސަލާމަތް ކޮށްދެއްްވުން. ޕީޕީއެމް/ޕީއެންސީއަކީ ރަށްފުށަށް ޗޮއިސް އެއް ނޫން"

ޔާސިރު ވިދާޅުވި އެވެ.

އެމްޕީ ޔާސިރުގެ ޓުވީޓައް ބައެއް ސިޔާސީ ފަރާތްތަކުން ވަނީ ރައްދު ދެއްވާފަ އެވެ. އެގޮތުން، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހްމީ (އިންތި) ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.

"ނޫން ރަހުމަތްތެރިޔާ! މިއަދު އެމްޑީޕީ އަކީ މުދާ ގަންނަހެން އިންސާނުން ގަނެވިއްކާ ޕާޓީއަކަށްވީމާ.. އޭގެ ދިރިހުރި މިސާލު ނުފެނޭތޯ؟"

ރިޕްލައިދެއްވާ އިންތި ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފެއްދި ޑިމްކޮރެޓްސްއަށް ގުޅިވަޑައިގެންނެވިތާ ތިންމަސް ނުވަނީސް، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފާއި މޭޔަރު މުހައްމަދު އާތިފް އެ ޕާޓީ ދޫކުރައްވާ އަލުން އެމްޑީޕީއާ ގުޅިވަޑައިގަންނަވާފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ.

ކުޅުދުއްފުށި ސިޓީއިން މިއިންތިހާބުގައި 4377 މީހަކު ވޯޓުލާފައިވާއިރު 47.56 އިންސައްތަ އާއި އެކު މެޖޯރިޓީ ނެންގެވީ އިދިކޮޅު ކެނޑިޑޭޓެވެ. ރައީސް ސޯލިޙްއަށް ލިބިވަޑައިގެންނެވީ 33.57 އިންސައްތަ އެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި އެންމެ ގިނަ ވޯޓު މުޅި ރާއްޖެއިން ހޯއްދެވީ އިދިކޮޅު ޕީޕީއެމް ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒެވެ. އޭނާ 100،691 ވޯޓު ހޯއްދެވި އެވެ. އެއީ ވޯޓުލީ އާބާދީގެ 45.1 ވޯޓެވެ. އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 85،260 ވޯޓެވެ. އެއީ 38.2 ޕަސެންޓު ވޯޓެވެ.

އިލްޔާސްއަށް ލިބިވަޑައިގަތީ 15،528 ވޯޓެވެ. އެއީ ވޯޓުލީ އާބާދީގެ ހަތް ޕަސެންޓެވެ. އިލްޔާސް ވަޑައިގަތީ އިންތިހާބުގައި ވާދަ ކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން ތިން ވަނައަށެވެ.