ރާއްޖޭގެ އޭވިއޭޝަން އިންޑަސްޓްރީގައި ދިވެހިން މަސައްކަތްކުރާ ނިސްބަތް އިތުރުކުރުން މުހިންމު ކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީން، ޕައިލެޓުން ތަމްރީނުކުރުމަށް ހިނގި ޕްރޮގްރާމް ފުރިހަމަކުރި ދަރިވަރުންނަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

މީރުމާ ހޯލުގައި ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ވަނީ އޭޝިއަން އޭވިއޭޝަން އެކަޑަމީ އަށް ދިމާވި ގޮންޖެހުންތަކާއި ހެދި އެ އެކަޑަމީ ބަންދުކޮށް، ދިވެހި ދަރިވަރުންތަކެއްގެ ކިޔެވުން ހުއްޓުމަކަށް އައިސް ކުރިމަތިވި ދަތިތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރި މަސައްކަތްތަކަށް އަލިއަޅުވައިލައްވާފައެވެ. އަދި މޯލްޑިވިއަން އޭވިއޭޝަން އެކެޑަމީ އުފެއްދުމަށް ކުރި މަސައްކަތްތަކުގެ މައްޗަށް ވެސް ވަނީ އަލިއަޅުވާ ލައްވާފައެވެ.

މީގެ އިތުރުން ރާއްޖޭގައި އޭވިއޭޝަން އިންޑަސްޓްރީގައި ދިވެހިން މަސައްކަތްކުރާ ނިސްބަތް އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާ ވިދާޅުވީ ރާއްޖޭގެ އޭވިއޭޝަން ދާއިރާގެ ކުރިމަގަށްޓަކައި އެ ދާއިރާއިން މީހުން ބިނާކުރުމުގެ މަސައްކަތް އިތުރަށް ފުޅާކުރަން ޖެހޭ ކަމަށެވެ.

މި ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީން ޕައިލެޓުން ތަމްރީނުކުރުމަށް ހިންގި ޕްރޮގްރާމް ފުރިހަމަ ކުރި ފުރަތަމަ ބެޗްގެ ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވާފައެވެ.

އެ އެކަޑަމީގައި ކިޔަވަމުން ދިޔަ ދަރިވަރުންގެ ތެރެއިން 18 ދަރިވަރުން ކޯސްތައް ފުރިހަމަ ކޮށްފައިވާއިރު، އެ އެކަޑަމީގައި މިހާރު ވެސް 15 ދަރިވަރަކު ކޯސްތައް ފުރިހަމަ ކުރަމުން އެބަދެއެވެ. އަދި 10 ދަރިވަރަކު އެ އެކަޑަމީގައި ތަމްރީނުތައް ފެށުމަށް އަންނަނީ ތައްޔާރު ވަމުންނެވެ.

އޭޝިއަން އޭވިއޭޝަން އެކަޑަމީއަށް ދިމާވި ގޮންޖެހުންތަކާއި ހެދި ދަރިވަރުންތަކެއްގެ ކިޔެވުން ހުއްޓުމަކަށް އައިސްފައިވަނިކޮށް، އެ ދަރިވަރުންނަށް ކުރިމަތިވި ދަތިތަކަށް ހައްލު ހޯދައިދިނުމަށް އުފެއްދި މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީ އިފްތިތާހުކޮށްފައި ވަނީ 2021 ޑިސެންބަރު 28 ގައެވެ.