ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ ސަރުކާރުން މަޝްރޫއުތައް ހިންގަނީ ކަމަށް ބުނެ ޖީބުތައް ބަރު ކުރަނީ ހިޔާނާތުގެ ފައިސާ އިން ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ލ. އަތޮޅަށް ވަޑައިގެން ލ. ގަމުގައި ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ މިސަރުކާރުގެ އިސް ބޭފުޅުންތައް ރޯމާ ދުވާލު ފާޅުގައި ކޮރަޕްޝަނުގެ އަމަލުތައް ހިިންގަމުންދާ ކަމަށާއި އެ ބޭފުޅުންގެ ޖީބުތައް ކޮރަޕްޝަންގެ ފައިސާއިން ފުރާލަމުން ދާ ކަމަށެވެ.

Ad
rt

ގާސިމް ވިދާޅުވި ގޮތުގައި ރާއްޖޭގެ ކުދި ބޮޑު ހުރިހާ ރަށެއްގައި މި ސަރުކާރުން މަޝްރޫއުތައް ހިންގަމުންދާ އިރު، އެ މަޝްރޫއުތަކުން ރައްޔިތުންނަށްވާ އެއްވެސް ފައިދާއެއް ނެތެވެ.

"ތަރައްގީގެ މަޝްރޫއުތައް ހިންގަންޖެހޭނީ ރައްޔިތުންނަށް ހިދްމަތްދީ ތަރައްގީގެ ފުރުސަތު ހޯދައި ދިނުމުގެ މަގްސަދުގައި، ނަމަވެސް މިސަރުކާރުން އެކަން ކުރަނީ ހިޔާނާތުގެ ފައިސާ ޖީބުތަކަށް ބަރުކުރުމުގެ މަގްސަދުގައި." ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުނު އިރު، އެމަނިކުފާނުގެ އެކައުންޓްތައް ވެސް ފުރިފައި ވަނީ ކޮރަޕްޝަންގެ ކަޅު ފައިސާ އިން ކަމަށެވެ. ޔާމީންގެ ވެރިކަމުގައި ފޮށިފޮށިގަނޑުގައި މިލިއަން ޑޮލަރުން ކަޅު ފައިސާ ވަދެފައިވާ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

އެހެންކަމުން މިފަދަ ކޮރަޕްޝަންތައް ފާޅުގައި ހިންގަމުންދާ ބަޔަކަށް ގައުމު ހިންގަން ހަވާލު ކުރަން ހެޔޮ ނުވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ. މި ސަރުކާރުން ވެސް ރައްޔިތުން ދަރަނީގެ ދަންތުރައިގައި ޖައްސާފައިވާ ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ދެވަނަ ދައުރެއް ނުދިނުމަށް ގާސިމް ގޮވާލެއްވިއެވެ.

" ރާއްޖެ ދަރާފައިވަނީ އިންޑިއާއަށް. އެގައުމުގައި ރައްޔިތުންތިބީ ސާފު ފެން ފުދެއްވެސް ނުލިބި. ދެން ކީއްވެ ރާއްޖެއަށް މިވަރަކުން މި އެހީވަނީ. އަމިއްލައަށް ވިސްނާލީމަ އެނގޭނެ ވަނީ ކީއްކަން،" ގާސިމް ވިދާޅުވިއެވެ.

ކޮންމެ ފަހަރަކުވެސް އިންތިހާބާ ދިމާކޮށް އޭރުގަ އޮންނަ ސަރުކާރަކުން ބޮޑެތި ކޮރަޕްޝަނުގެ އަމަލުތައް ހިންގާ ކަމަށް ގާސިމް ވަނީ ތުހުމަތު ކުރައްވައިފައެވެ. އެގޮތުން ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނާ ދިމާކޮށް ވެސް ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާ ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި ހަމައެއާއެކު، 13 ދުވަހުގެ ތެރޭގައި 170 މިލިއަން ރުފިޔާ ގުރައިދޫ ދާއިރާ އަށް ހަރަދުކޮށް އުސޫލުން ބޭރުން ސްޓެލްކޯ އިން 80 ވަޒީފާ އެ ދާއިރާގެ ރައްޔިތުންނަށް ބަހާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.