ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ހިނގާދިޔަ އަނިޔާތަކަށް އެމަނިކުފާނުގެ ދަރިކަލުން، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ފާރިސް މައުމޫން މައާފަށް އެދިވަޑައިގެންފިއެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރައްވާ އަދި އެމްއާރްއެމްގެ ރައީސްކަން ވެސް ކުރައްވާ ފާރިސް މައާފަށް އެދިވަޑައިގެންނެވީ އެމަނިކުފާނުގެ ފޭސްބުކްގައި އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައެވެ.

Ad
rt

އެ ވީޑިއޯ ގައި ފާރިސް ވިދާޅުވީ ރައީސް މައުމޫން ވެރިކަން ކުރެއްވި ދުވަސްވަރު ރައްޔިތުންގެ ތެރެއިން ބަޔަކަށް އަނިޔާތަކެއް ލިބި، ހިތާމަތަކެއް މެދުވެރިވި ކަމަކީ ހަގީގަތެއްް ކަމަަށް އޭނާ ގަބޫލު ކުރައްވާ ކަމަށެވެ. އަދި އެ ހިތާމައިގައި އަދިވެސް ބަޔަކު ދެމި ތިބިކަމަށް އޭނާ ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

އެކަމަކީ (އެ އަނިޔާވެރިކަމަކީ) އޭނާ ދޮގު ކުރައްވާ ކަމެއް ނޫން ކަމަށާއި އެކަމާއި މައާފަށް އެދިވަޑައިގަންނަވާ ކަމަށް ފާރިސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އޭނާ ފަހުން ދެއްކި ވާހަކައެއްގެ ސަބަބުން އެ ހިތާމަތައް އިތުރުވެގެން ދިއުމަކީ ހަގީގަތެއް ކަމަށާއި އެކަމަށް ވެސް ފާރިސް ވަނީ މައާފަށް އެދިވަޑައިގެންފައެވެ.

ފާރިސް ވިދާޅުވީ އަޒުމަކީ އެމަނިކުފާނުގެ ވެރިކަމެއްގައި މި ހުރިހައި ފަރާތްތަކަށް ފުރިހަމަ ތަސައްލީއެއް ހޯދައިދިނުން ކަމަށާއި އެމަނިކުފާނުގެ ބެލުމުގެ ދަށުން ހިނގާ ސަރުކާރެއްގައި މިފަދަ އެއްވެސް ކަމެއް އެންމެ ކުޑަމިނަކަށް ވެސް ނުހިނގާނެ ކަން ކަށަވަރު ކުރުމަކީ އެމަނިކުފާނުގެ އަމިއްލަ ޒިންމާއެއް ކަަމަށް ހައްދަވާނެ ކަމަށް ވެސް އެ ވީޑިއޯގައި ވިދާޅުވެފައި ވެއެވެ.