އިންތިޚާބަށް ކުރިމަތިލީ ޤައުމު ސަލާމަތް ކުރުމުގެ ބޭނުމުގައި ކަމުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓް، އެ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އައްޑޫ ސިޓީ އަށް ވަޑައިގެން ހިތަދޫގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާފައި ތިއްބެވި ކެންޑިޑޭޓުންގެ ތެރެއިން އޭނާ ޓެސްޓް ކުރަން ރައްޔިތުން ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.

Ad
rt

1976 ވަނަ އަހަރު އެންމެ 2،000 ޑޮލަރުން (30،000ރ.) އިން ވިޔަފާރި ފައްޓަވައި ކުރިއެރުން ގެނެސްދެއްވާފައިވާކަން ފާހަގަކުރައްވާ، ގާސިމް ވަނީ އޭގެ ނަތީޖާއެއްގެ ގޮތުން 1986 ވަނަ އަހަރު ފަތުރުވެރިކަމުގެ ދާއިރާގައި ރިސޯޓުތައް ހުޅުވައި ފަތުރުވެރިންނަށް ހިދުމަތް ދެއްވަން ފެއްޓެވިކަން ވެސް ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން ގައުމަށް ކުރެއްވި ހިދުމަތާއި އެކުގައި ހިތްވަރު ދިނުމާއި ޝަރަފްވެރިކަމުގެ ގައުމީ އިނާމްތައް ފަދަ އިނާމްތަކާއި ޝަރަފްތައް ލިބިވަޑައިގެންނެވިކަން ވެސް ވަނީ ފާހަގަކުރައްވާފައެވެ.

ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބާއި ގުޅޭގޮތުން ވިދާޅުވީ އިންތިހާބަކާ ބޯމަތިވެފައިވާ އިރު، ރާއްޖޭގެ އެންމެ ބޮޑު ދެ ޕާޓީ ކަމަށްވާ އެމްޑީޕީ އާއި ޕީޕީއެމް ފެއިލްވެފައިވާ ކަމަށެވެ.

"އެހެންވީމަ، ތަރައްގީގެ މަގުގައި ކުރިއަށް ގޮސް، ރާއްޖޭގެ މިނިވަންކަމާ އިސްލާމް ދީނާ މަތިވެރި އަހުލާގު ދެމެހެއްޓުމާ ދަރަނި ދަންތުރައިން ސަލާމަތް ކުރާނެ ކެންޑިޑޭޓު ނިންމައި އެ ބޭފުޅަކަށް ވޯޓު ދޭން ޖެހޭ." ގާސިމް ވިދާޅުވިއެވެ.

ހަމަމިއާއެކު ގާސިމް ވަނީ ކެންޑިޑޭޓު ނަންބަރު ފަހަކަށް ވޯޓު ދިނުމަށް ގޮވައިލައްވާފައެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވައި އެކަމަށް ކުރިމަތިލެއްވީ ގައުމު ސަލާމަތް ކުރެއްވުމުގެ ބޭނުމުގައި ކަމަށާއި އެއީ ޒިންމާއެއް ކަމަށާއި އެހެންވެ، އޭނާ ފިޔަވައި އިތުރު ކެންޑިޑޭޓަކަށް ވޯޓު ނުދެއްވުމަށް ވެސް ގާސިމް ވަނީ އެދިވަޑައިގެންފައެވެ.

ކެމްޕެއިން ގައި ގާސިމް އައްޑޫ ސިޓީ އަށް ވަޑައިގަތުމުން ގިނަ އަދަދެއްގެ ބަޔަކު މަރުހަބާ ވަނީ ގާސިމް އަށާއި އެ ޕާޓީގެ މެމްބަރުންނަށް މަރުހަބާ ދަންނަވާފައެވެ.

އައްޑޫ ސިޓީ އަށް ކުރައްވާ ދަތުރަށް ފަހު، ގާސިމް ދެން ވަޑައިގަންނަވާނީ ފުވައްމުލައް ސިޓީއަށެވެ. އަދި ގއ. އަތޮޅާއި ގދ. އަތޮޅުގެ ބައެއް ރަށްތަކަށާއި ލ. އަތޮޅަށް ވެސް ވަޑައިގަންނަވާނެއެވެ.