މާލޭ ވޭސްޓް ޓްރާންސްފަރ ސްޓޭޝަން، އިއްޔެ އިފްތިތާހުކޮށްފިއެވެ.

މިކަމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މާލޭ ވޭސްޓް ޓްރާންސްފަރ ސްޓޭޝަން އިފްތިތާހުކޮށްދެއްވީ، ނައިބު ރައީސް ފައިސަލް ނަސީމް އެވެ.

Ad
rt

މާލޭ އިންޑަސްޓްރިއަލް ޒޯން ސަރަހައްދުގައި ހުންނަ ވެމްކޯގެ ސައިޓްގައި ބޭއްވި މި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ވިދާޅުވީ، ކުނި މެނޭޖްކުރުމާއި ރައްކާތެރިގޮތުގައި ކުނި ނައްތާލުމަކީ، މިސަރުކާރުން ހާއްސަ އިސްކަމެއްދީގެން ކުރިޔަށްގެންދާ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށެވެ. އަދި މި މަޝްރޫއު މުޅިން ނިމިގެންދާއިރު، ކުންޏަކީ އެއިން ނަފާ ހޯދޭ އަގުހުރި އެއްޗަކަށް ވެގެންދާނެ ކަމަށެވެ.

ކުނި މެނޭޖްކުރުމުގެ މަސައްކަތުގެ ދަށުން، ތިލަފުށީގައި ކުނި އެންދުން ހުއްޓާލުމާއި، އަތޮޅުތަކުގައި ކުނި މެނޭޖްކުރުމަށް ކުރެވިފައިވާ މަސައްކަތްތައް ފާހަގަކުރައްވާ، މާލެ ސަރަހައްދުގެ ކުނީގެ މައްސަލައިގެ މައްޗަށް އަލިއަޅުއްވާލައްވައި، ވިދާޅުވީ މާލެ ސަރަހައްދުގައި ބޮލަކަށް އެއްކިލޯގެ ކުނި ދުވާލެއްގެ މައްޗަށް އުފެދޭއިރު އެއީ ވަރަށް ބޮޑު އަދަދެއް ކަމަށެވެ.

މީގެ އިތުރުން ކުނީގެ މައްސަލައަށް ހައްލު ހޯދުމުގައި ކުނި އުފެދޭ މިންވަރު މަދުކުރުމާއި ކަނޑުފަޅާއި ގޮނޑުދޮށްތަކާއި އާންމު ތަންތަނަށް ކުނި ނޭޅުމުގެ މުހިއްމުކަން ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ވެށީގެ ސާފުތާހިރުކަމަކީ ތަހުޒީބު މުޖުތަމައުތަކުން ފެންނާނެ އެންމެ މުހިންމު އެއްކަންތަކުގެ ގޮތުގައި ވެސް ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ އިގުތިދާއި ތިމާވެއްޓާއި އޮތް ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ގުޅިފައި ވަނީ، ރާއްޖޭގެ ކަނޑުފަޅާއި ގޮނޑުދޮށްތަކުގެ ރީތިކަމުގެ މައްޗަށް ކަމުގައި ވުމުން، މޫދަށާއި ގޮނޑުދޮށްތަކަށް ކުނިބުންޏާއި ޕްލާސްޓިކްގެ ބާވަތްތައް އުކާލުމުން ކުރާނެ ނޭދެވޭ އަސަރުތައް ބޮޑު ކަމަށެވެ. އަދި ޕްލާސްޓިކް ކުނީގެ ސަބަބުން ފަރުތަކަށް ގެއްލުން ލިބޭއިރު، ޞިއްޙަތަށް އޮތް ނުރައްކާ ބޮޑުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މާލޭގައި ގާއިމްކުރެވުނު އައު ވޭސްޓް ޓްރާންސްފަރ ސްޓޭޝަނަކީ، ޒަމާނުއްސުރެ މާލޭގައި ކުނި މެނޭޖުކުރުމަށާއި، އެކުނި ތިލަފުއްޓަށް އުފުލުމަށް ހުރި ދަތިތަކަށް އެކަށީގެންވާ ހައްލެއް ގެނައުމުގެ މަޤުޞަދުގައި ޒަމާނީ ވަޞީލަތްތަކާއިއެކު ބިނާކޮށްފައިވާ 65ހާސް އަކަފޫޓުގެ ޖާގަ ތަނަވަސް މަރުކަޒެކެވެ.

މިމަރުކަޒު ފަރުމާކޮށްފައި ވަނީ، ތިމާވެއްޓާއި ރައްޓެހި އަދި ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށެވެ. މިސެންޓަރުން ތިލަފުއްޓަށް ކުނިއުފުލާނީ ކޮންޓޭނަރުތަކުގައި ކުނި ބަންދުކޮށްގެންނެވެ.

މީގެ އިތުރުން މާލޭ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންގައި ހިމެނޭ އިދާރީ މަސައްކަތްތައް ހިންގާ ޢިމާރާތަކީ، ކާރިސީ އަދި މޫސުމީ ހީރާސްތަކުން ރައްކާތެރިކަން ހޯދޭނޭ ގޮތަށް ފަރުމާކޮށްފައިވާ ޢިމާރާތެކެވެ.