މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޕީއެންސީ، ޕީޕީއެމް ގެ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ގެ ކެމްޕެއިން ދަތުރެއް ރ. ބ. އަދި ޅ. އަތޮޅަށް ކުރައްވާގޮތަށް ހަމަޖެހިއްޖެއެވެ.
މުއިއްޒާއި ރަނިންމޭޓް، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެމްބެ) ގެ ތަރުޖަމާން އަދި ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ތޮލާލް ވިދާޅުވީ މިއީ މި އޮގަސްޓު މަހުގެ 29 ން ސެޕްޓެމްބަރު 1 ވަނަ ދުވަހަށް ކުރައްވާ ދަތުރެއް ކަމަށެވެ.
މި ދަތުރުގައި 29 ވަނަ ދުވަހު އެންމެފުރަތަމަ ވަޑައިގަންނަވާނީ އަލިފުއްޓަށް ކަމަށާއި އެއަށްފަހު، މަޑުއްވަރީ، މީދޫ، އުނގޫފާރު އަދި ދުވާފަރަށް ވަޑައިގަންނަވާއިރު، މިއިން ކޮންމެ ރަަށެއްގައި ވެސް ސަޕޯޓަރުންނާ ބައްދަލު ކުރައްވާނެ ކަމަށާއި ރަސްމީ ޖަލްސާ ބާއްވާނީ ދުވާފަރުގައި މިރޭ 8:30 ގައި ކަމަށް ވެސް ތޮލާލް ވިދާޅުވިއެވެ.'
އޭނާ ވިދާޅުވީ އޮގަސްޓު 30 ވަނަ ދުވަހު އިނގުރައިދޫ އަށް ވަޑައިގަތުމަށްފަހު، ބ. ކުޑަރިކިލާއި ކެންދޫ އާއި ދަރަވަންދޫ އަދި އޭދަފުއްޓަށް ވަޑައިގެން ޖަލްސާ ބާއްވާނީ އޭދަފުށީގައި އެރޭ ކަމަށެވެ. އަދި އޮގަސްޓު 31 ގައި އެންމެފުރަތަމަ ތުޅާދޫ އަށް ވަޑައިގަތުމަށްފަހު، ޅ. އަތޮޅަށް ވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ޅ. އަތޮޅުން އެންމެފުރަމަ ވަޑައިގަންނަވާނީ ކުރެންދޫ އަށް ކަމަށާއި އެއަށްފަހު، އޮޅުވެލިފުށި، ނައިފަރު ވަޑައިގަންނަވާނެ ކަމަށް ތޮލާލް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ނައިފަރުގައި ޖަލްސާ ބާއްވާނީ އެރޭ 8:30 ގައި ކަމަށެވެ.
މި ކެމްޕެއިން ދަތުރުގެ އެންމެފަހު މަންޒިލަކަށް ހިންނަވަރު ހަދާފައިވާއިރު، މުއިއްޒު އެރަށަށް ވަޑައިގަންނަވާނީ ސެޕްޓެމްބަރު 1 ވަނަ ދުވަހުގެ ހެނދުނު ކަމަށާއި އެރަށުގައި ކެމްޕެއިން ހަރަކާތްތައް ހިންގެވުމަށްފަހު، ހަމައެދުވަހު މާލެ ވަޑައިގަންނަވާނެ ކަމަށް ވެސް ތޮލާލު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!