އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލްއާއި ފުލަމް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. އާސެނަލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވެފައި ވަނީ 2-2 ގެ ނަތީޖާއިންނެވެ.

ލީގުގައި މިހާތަނަށް އާސެނަލުން ތިން މެޗު ކުޅެފައިވާއިރު، މިއީ އެ ޓީމް އަތުން ޕޮއިންޓް ގެއްލުނު ފުރަތަމަ ފަހަރެވެ. ތިން މެޗުން ލިބުނު ހަތް ޕޮއިންޓާއިއެކު އާސެނަލް މިވަގުތު އޮތީ ތާވަލުގެ ތިން ވަނާގައެވެ. ފުލަމްއޮތީ 11 ވަނާގައެވެ. ފުލަމްއަށް ތިން މެޗުން ލިބިފައި ވަނީ ހަތަރު ޕޮއިންޓެވެ.

Ad
rt

މިރޭ މެޗުގެ ފުރަތަމަ މިނެޓުގައި އާސެނަލްގެ ފަހަތުން ހެދުނު ގޯހެއްގެ ފައިދާނަގައި ފުލަމްގެ ޕެރެއިރާ ވަނީ ލަނޑުޖަހައި އެ ޓީމަށް ލީޑު ހޯދައިދީފައެވެ. ފުރަތަމަ ހާފު ނިމިގެން ދިޔައީ ފުލަމް ކުރީގައި އޮވެއެވެ.

އާސެނަލުން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައި ވަނީ 70 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ބުކަޔޯ ސަކާ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އާސެނަލްއަށް މި ޕެނަލްޓީ ލިބިފައިވަނީ ފުލަމްގެ އޭރިއާތެރެއިން އެ ޓީމްގެ ޑިފެންޑަރ ކެނީ ޓެޓޭ އާސެނަލްގެ ފަބިއޯ ވިއެރާއަށް ފައުލް ކުރުމާއި ގުޅިގެންނެވެ.

އޭގެ ދެ މިނެޓް ފަހުން ފައިބޯ ވިއެރާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި އެޑީ އެންކެޓިއާ ވަނީ ލަނޑުޖަހައި އާސެނަލްއަށް ލީޑު ހޯދައިދީފައެވެ. އާސެނަލުން ލީޑު ނެގިތާ ނުވަ މިނެޓް ފަހުން ފުލަމްގެ ކެލްވިން ބަސޭއަށް ދެވަނަ ރީނދޫ ކާޑާއިއެކު ވަނީ ރަތް ކާޑު ދައްކާފައެވެ.

ނަމަވެސް މެޗުގެ ފަހުބައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެ ފުލަމުން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު 87 ވަނަ މިނެޓުގައި ފުލަމްއަށް ލިބުނު ކޯނަރަކުން ތަނަވަސްވީ ފުރުޞަތުގައި ކާމިޔާބު ކޮށްދިނީ ޖޯ ޕަލިންހާއެވެ.