އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑާއި ނޮޓިންހަމް ފޮރެސްޓް ބައްދަލުކުރި މެޗުގައި، ފޮރެސްޓުން ދެ ލަނޑު ޖަހާފައި ވަނިކޮށް ފަހަތުންއަރައި ތިން ލަނޑު (3-2) ޖަހައި ޔުނައިޓެޑުން މެޗު ކާމިޔާބު ކޮށްފިއެވެ.

މި މެޗު ފެށިތާ ހަތަރު މިނެޓްތެރޭ ދެ ލަނޑުޖަހައި ފޮރެސްޓުން ވަނީ ޔުނައިޓެޑް ސިއްސުވާލާފައެވެ. މިއީ ޕްރިމިއާ ލީގުގައި މެޗުގެ ފުރަތަމަ ހަތަރު މިނެޓްގެ ތެރޭ ޔުނައިޓެޑް ކޮޅަށް ދެ ލަނޑު ވަތް ފުރަތަމަ ފަހަރެވެ.

Ad
rt

ފޮރެސްޓްގެ ފުރަތަމަ ލަނޑު މެޗުގެ ދެވަނަ މިނެޓުގައި ގިބްސް-ވައިޓް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ޓައިވޯ އަވޮނީޔީ ކާމިޔާބު ކޮށްދިންއިރު ދެވަނަ ލަނޑު ހަތަރުވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ވިލީ ބޮލީއެވެ.

ބައިކޮޅަށް ވަތް ދެ ލަނޑާއިއެކު ޔުނައިޓެޑުން ވަނީ ގޭމްތަރެއަށް ވަދެ މުޅި މެޗުގެ ކޮންޓްރޯލް ނަގާފައެވެ. ނަތީޖާއެއްގެ ގޮތުން 17 ވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ ލަނޑުޖަހައި ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު ރަޝްފޯޑް ފޮރެސްޓްގެ އޭރިއާތެރެއަށް ތިރިން ހުރަސްކުރި ބޯޅަ އެއްފަހަރުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދިނީ އެރިކްޝަންއެވެ.

ޔުނައިޓެޑުން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައި ވަނީ 52 ވަނަ މިނެޓުގައެވެ. މި ލަނޑު ބްރޫނޯ ފެނާންޑޭސް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދިނީ ކަސެމީރޯއެވެ.

މެޗުގެ 67 ވަނަ މިނެޓުގައި ފޮރެސްޓްގެ ކެޕްޓަން ޖޯ ވޮރަލްއަށް ވަނީ ރަތް ކާޑު ދައްކާފައެވެ. އޭނާއަށް ރަތް ކާޑު ދައްކާފައި ވަނީ ބްރޫނޯ ފެނާންޑޭޒްއަށް ކުރި ފައުލަކާއި ގުޅިގެންނެވެ.

ޔުނައިޓެޑު މެޗުން މޮޅުވި ލަނޑު 76 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ ބްރޫނޯ ފެނާންޑޭޒްއެވެ. ޔުނައިޓެޑަށް މި ޕެނަލްޓީ ލިބިފައި ވަނީ ފޮރެސްޓްގެ އޭރިއާތެރެއިން ބޮލީ ޔުނައިޓެޑްގެ ރަޝްފޯޑަށް ކުރި ފައުލަކާއި ގުޅިގެންނެވެ.

މި މޮޅާއިއެކު ޔުނައިޓެޑް ވަނީ ޕޮއިންޓް ތާވަލުގެ ފަސްވަނައަށް ކުރިއަށް ޖެހިލާފައެވެ. ޔުނައިޓެޑަށް ކުޅުނު ތިން މެޗުން ލިބިފައި ވަނީ ހަ ޕޮއިންޓެވެ.