މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ނޮދަން އޭރިއާ ކޮމާންޑްގެ އައު ހެޑްކުއޯޓަރޒްގެ ބިންގާ ހދ. ހަނިމާދޫ ގައި އަޅައިފިއެވެ.
އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ދިފާއީ ވަޒީރު، އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ، މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވިއިރު، އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ މާރޔާާ އާއި ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް ޢަބްދުﷲ ޝަމާލް އެެވެ.
މި ރަސްމިއްޔާތުގައި މާރިޔާ އަޙްމަދު ވިދާޅުވީ ރާއްޖޭގެ ޖޯގްރަފީއަށް ބެލިއަސް، އަދި ސަރަހައްދުގެ ޖޯގްރަފީއާއި، އިންޑިއާ ކަނޑުގެ މެރިޓައިމް ޓްރޭޑް ރޫޓްތަކަށް ބެލިޔަސް، ރާއްޖޭގެ އުތުރުގައި އަސްކަރިއްޔާގެ ފުރިހަމަ ޕްރެޒެންސެއް ގާއިމްކުރެވި، ރާއްޖޭގެ ސަރަޙައްދާއި، އެ ސަރަޙައްދުން ހުރަސްކުރާ މެރިޓައިމް ޓްރެފިކްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ރާއްޖެއިން ކުރަންޖެހޭ މަސައްކަތް ވަރަށް ސާފުކޮށް ހާމަވާ ކަމަށެވެ.
މީގެ އިތުރުން އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ކޮމާންޑްތަކާއި މަރުކަޒުތަކާއި އައުޓްޕޯސްޓްތައް ގާއިމްކޮށް ތަރުތީބުކުރަމުން ގެންދަނީ ރާއްޖޭގެ ޖޯގްރަފީއާއި ރާއްޖޭގެ މާހައުލާއި ރަށްތަކުގެ އާބާދީއަށް ވެސް ވަރަށް ބޮޑަށް ބައްލަވައިގެން ކަމަށް ވިދާޅުވިއެވެ. އަދި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ހެޑްކުއޯޓާޒް، ހަނިމާދޫއަށް ބަދަލުކުރަން ނިންމީ އޭރިއާ ކޮމާންޑްތަކުގެ އިންތައް މިހާރު މިއޮތްގޮތަށް މީގެ 15 އަހަރު ކުރިން ކަނޑައެޅުނީއްސުރެ، ސިފައިންގެ ނޮދަން ކޮމާންޑްގެ މައިމަރުކަޒު ގާއިމްކުރަންޖެހޭ ކަމަށެވެ.
"ހަނިމާދޫކަމުގައި ވީނަމަވެސް، އޭރު ނޮދަން އޭރިއާ ކޮމާންޑްގެ މައިމަރުކަޒުގެ ގޮތުގައި ގާއިމުވެތިބި މަޑިވަރުން ސިފައިން ފައިބަން ޖެހުނީ އެކަން ނުކުރެވި ތިބެގެން. އެވަގުތަށް އިތުރުގޮތެއް ނެތުމުން ޅ. މާފިލާފުށީގައި ގާއިމްކޮށްފައިވާ ކޮމްޕޮޒިޓް ޓްރޭނިންގ ސެންޓަރުގެ ޖާގައިގެ ތެރެއިން ބައެއްގައި ނޮދަން އޭރިއާ ކޮމާންޑްގެ ހެޑްކްއޯޓަރޒް ވަގުތީގޮތުން ޤާއިމްކޮށް، އެ މަސައްކަތް ސިފައިން ކުރިއަށް އެ ގެންދިޔައީ." މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ އެކަންކުރީމާ، އޭރިއާ ހެޑްކްއޯޓަރޒް މި ހުންނަނީ ރާއްޖޭގެ މެދުތެރޭގައި ކަަމަށާއި ގިނަ އޮޕަރޭޝަންތައް، ހާއްސަކޮށް މެރިޓައިމް ސެކިއުރިޓީގެ ދާއިރާއިން ކުރަންޖެހޭ ގިނަ މަސައްކަތްތައް މި ހިނގަނީ އެ ސަރަޙައްދުގައި ކަމަށެވެ. އަދި ސަރަޙައްދުގެ ބޮޑުމިނަށް ބަލާއިރު މިއީ، އެމްއެންޑީއެފްގެ އެންމެ ބޮޑު އޭރިއާ ކޮމާންޑު ކަމަށް ވެސް ވިދާޅުވިއެވެ.
ހަމަމިއާއެކު ރާއްޖޭގެ ގާތްގަނޑަކަށް މެދުތެރޭގައި ނޮދަން ކޮމާންޑްގެ މައިމަރުކަޒު ހުރީމާ އޭގެ ސަބަބުން ސިފައިންގެ އޮޕަރޭޝަނަލް ރީޗް ހަނިވާކަން ފާހަގަކުރައްވާ ވިދާޅުވީ އެންމެ ބޭނުންވާ ފެންވަރާއި މިންވަރަށް ހިދުމަތް ފޯރުކޮށްދިނުމުގައި ވެސް ދަތިތައް ކުރިމަތިވާ ކަމަށެވެ.
އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ އައު ހެޑްކުއޯޓާޒްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި، ރައްޔިތުން މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ އާދި ދިއްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ވަހީދާއި، އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ކޮމާންޑަރ، ކާނަލް މުޙައްމަދު ސަލީމްއާއި، ސީނިއަރ އޮފިސަރުންނާއި ހަނިމާދޫ ކައުންސިލްގެ ރައީސް ޢަބްދުއްސައްތާރު ޙަސަން ބައިވެރިވެވަޑައިގެންނެވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!