ރިޔާސީ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ، ސިޓީ ހޮޓަލަކާއެކު ބ. މާޅޮހަށް ގިނަ ކަންތައްތަކެއް ކޮށްދެއްވުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވައުދުފުޅުތަކެއް ވެވަޑައިގެންފިއެވެ.
ބ. އަތޮޅަށް މިހާރުކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި މާޅޮހަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ ރިޔާސީ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ، އެ ރަށުގައި އައު ސިއްހީ މަރުކަޒަކާއި ސިޓީ ހޮޓަލެއް އަޅުއްވައިދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.
ރައީސް ވިދާޅުވީ ހަނިފަރު ބޭ ބައޮސްފިއާ ރިޒާވް އޮންނަނީ މާޅޮހާއި ކައިރީގައިކަމަށްވާތީ، އެ ތަނަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އެރަށުގައި ތިބެވޭނެ އިންތިޒާމެއް ހަމަޖެހޭނެ މަގެއް ހުރުމަކީ މުހިންމު ކަމެއް ކަމަށް ވެސް ވިދާޅުވެފައެވެ.
ހަނިފަރު ބޭގެ ބައޮސްފިއާ ހިމާޔަތްކޮށްފައި އޮންނަތާ 10 އަހަރު ވެއްޖެ ކަމަށާއި އަނެއްކާ ވެސް އިތުރު 10 އަހަރަށް ބައޮސްފިއާ ރިޒާވެއްގެ ގޮތުގައި ބޭއްވުމަށް ހަމަޖެހިފައިވާކަން ހާމަކުރައްވައި، ވަނީ އެ ތަނުން ލިބޭ އާމްދަނީއަކީ އަތޮޅުގެ ރަށްތަކަށް ލިބުން މުހިންމު އެއްޗެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. އަދި ވިދާޅުވީ އެ ރަށެއްގެ ކައުންސިލުގެ އިހްތިސާސްގައި ހިމެނޭ ސަރަހައްދުން ލިބޭ އާމްދަނީ ރަށު ކައުންސިލާ ހަވާލުކުރާނެ ކަމަށެވެ.
އެރަށު ބަނދަރު ސަރަހައްދުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ މަލްޓި ޕާޕަސް ހޯލަކާއި ކްލާސްރޫމު ވަސީލަތްތަކާއެކު އިތުރު ކްލާސްރޫމް އެޅުމަށާއި ބޮޑު މިސްކިތެއް އަޅުއްވައިދެއްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ. އަދި ފުޓްސަލް ދަނޑަކާއި ބޮޑު ފުޓުބޯޅަ ދަނޑެއް އެޅުމުގެ އިތުރުން ބޮޑެތި މަގުތައް ޒަމާނީކޮށް ތަރައްގީކުރުމާއި ޕިކްނިކް އައިލެންޑެއް ކަނޑައަޅުއްވައި ދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ކުރިއަށް އޮތް ފަސް އަހަރަށް ރައީސްއަކު ހޮވާއިރު، ރައްޔިތުން ވިސްނަންވީ ގިނަ ކަންތައްތަކެއް ހުންނާނެ ކަމަށާއި އެގޮތުން 2013 ވަނަ އަހަރުގެ މި ދުވަހާއި، މިއަދު އޮތް ހާލަތާ ދެމެދު އޮތް ތަފާތު ހުރިހާ ރައްޔިތުން ވެސް ފުންކޮށް ވިސްނާލަންޖެހޭ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ފުރަތަމަ ދައުރަކަށް ކުރިމަތިލެއްވިއިރު، އެންމެ ގިނައިން އިވެމުން ދިޔަ އަޑުތަކަކީ އަނިޔާވެރިކަން އިންތިހާއަށް ގޮސްފައިވާ ވާހަކައާއި ކައުންސިލުން މަސައްކަތައް ނުނިކުމެވޭ ގޮތަށް ސަސްޕެންޑް ކޮށްފައި ތިބޭ ވާހަކައާއި އިންޓަނެޓްގެ އަގުބޮޑު ވާހަކަ ކަމަށެވެ.
އެހެންނަމަވެސް މިއަދު އަނިޔާވެރިކަމުގެ ވާހަކަ އާއި އިންޓަނެޓް ފަދަ ހިދުމަތްތަކުގެ އަގު ބޮޑުވުމުގެ ވާހަކަ އަޑު ނީވޭ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!