މިއަހަރުގެ ޖުލައި މަހު 4.7 ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުން ދައްކައިފިއެވެ.

އެ އިދާރާ އިން ނެރުނު ތަފާސްހިސާބުން ދައްކާ ގޮތުގައި ފާއިތުވި ޖުލައި މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު 2022 ވަނަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު، 12 އިންސައްތަ ވަނީ އިތުރުވެފައެވެ.

Ad
d

އެގޮތުން މިދިޔަ 2022 ވަނަ އަހަރުގެ ޖުލައި މަހު ރާއްޖެއަށް 4.2 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ ޖުލައި މަހު މި ޢަދަދުވަނީ 4.7 ބިލިއަން ރުފިޔާ އަށް އިތުރުވެފައި ކަމަށް ތަފާސްހިސާބުން ވަނީ ދައްކާފައެވެ.

މީގެއިތުރުން ފާއިތުވި ޖުލައި މަހު ދައުލަތަށް ލިބުނު އާމްދަނީ 2022 ވަނަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު، 15 އިންސައްތަ ވަނީ އިތުރުވެފައިވާ ކަމަށާއި 2022 ވަނަ އަހަރުގެ ޖުލައި މަހު 315 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާ ކަމަށް އެ އިދާރާ އިން ވިދާޅުވެއެވެ. އަދި މި އަހަރުގެ ޖުލައި މަހު މި އަދަދު 361 މިލިއަން ރުފިޔާއަށް އިތުރުވެފައިވާ ކަމަށް ވެސް ވިދާޅުވެއެވެ.

މީރާ އިން ހާމަކުރައްވާފައިވާ ގޮތުގައި ފާއިތުވި މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އިންޑިއާ، އޮމާން، ޗައިނާ، ޔޫ.އޭ.އީ އަދި މެލޭޝިއާ އިންނެވެ.

އެ ގައުމުތަކުގެ ތެރެއިން އިންޑިއާ އިން 724 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އޮމާން އިން 667 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. އަދި ޗައިނާ އިން 610 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ.

Ad
df

މީގެ އިތުރުން ޔޫ.އޭ.އީ އިން 521 މިލިއަން ރުފިޔާގެ މުދާ އަދި މެލޭޝިއާ އިން 406 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ.