އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އެއާ ސާވިސް ވޯލްޑް ކޮންގްރެސް 2024 ބާއްވާ ރަސްމީ ފަރާތަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ކަން އިއުލާންކޮށްފިއެވެ.

މިކަން އިއުލާންކޮށްފައިވަނީ އެމެރެކާގެ ސެންފްރެންސިސްކޯ ގައި 17 ޖުލައި އިން 19 ޖުލައި އަށް ކުރިއަށްގެންދިޔަ މިއަހަރުގެ ކޮންގްރެސް އިވެންޓެއްގެ ތެރެއިންނެވެ.

Ad
rt

މި އިވެންޓުގައި އެމް.އޭ.ސީ.އެލްގެ ސީއީއޯ އަދި އެމްޑީ މަހްޖޫބު ޝުޖާއު ވަނީ ކޮންގްރެސްގެ ބައިވެރިން ރާއްޖެއަށް ޒިޔާރަތްކުރުމަށާއި ދިވެހި ރާއްޖޭގެ އެވިއޭޝަން އިންޑަސްޓްރީ ބައްލަވާލެއްވުމަށް ދައުވަތު ދެއްވާފައެވެ.

މިއީ އޭވިއޭޝަން ދާއިރާއިން، ބައިނަލްއަގުވާމީ، މިފަދަ ޝަރަފްވެރި އަދި ބޮޑު ހަރަކާތެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.

2024 ވަނަ އަހަރުގެ ޖުލައި މަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮންގްރެސްގެ ތެރެއިން ދުނިޔޭގެ އެކިކަންކޮޅުތަކުގެ އޭވިއޭޝަން ދާއިރާގެ މަންދޫބުންގެ މެދުގައި މަޝްވަރާތައް ކުރެވި، ދުނިޔޭގެ ވައިގެ ޚިދުމަތުގެ ކުރިއެރުމާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ޕްލެޓްފޯމެއް ލިބިގެންދާނެއެވެ.

މި ކޮންގްރެސްގެ ބައިވެރިންނަށް ވައިގެ ހިދުމަތްދިނުމުގެ ދާއިރާގެ މަސައްކަތުގެ ތަޖުރިބާ ހިއްސާކުރުމުގެ ފުރުސަތުފަހިވެގެން ދިއުމުގެ އިތުރުން، ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކައި ގުޅުން ބަދަހިކުރުމަށްވެސް މަގުފަހިވެގެންދާނެއެވެ. އަދި މި މުޢާމަލާތްތަކުގެ ސަބަބުން، ރާއްޖޭގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުތަކަށް ދަތުރުކުރާނެ އެއަރލައިންތައް އިތުރުކުރުމަށް އެހީތެރިކަން ލިބިގެންދާނެއެވެ.

މިއާއިއެކު ރާއްޖޭގެ ފަތުރުވެރިކަމާއި އިޤްތިސާދަށް އަދި މުޅި ވައިގެ ޚިދުމަތް ކުރިއެރުމަށް އާ ވިސްނުންތަކާއި، އީޖާދީ ގޮތްތައް ހޯދުމުގެ މަގުތައް ފަހިވެގެންދާނެއެވެ.

މީގެ އިތުރުން، މި ކޮންގްރެސް މެދުވެރިކޮށް ރާއްޖޭގެ ހިތްގައިމު ގުދުރަތީ ރީތިކަން ތަޖުރިބާކުރުމުގެ ފުރުޞަތު މަންދޫބުންނަށް ފަހިވެގެންދާއިރު، ރާއްޖޭގެ ރަށްތަކުގެ ރީތިކަން އަމިއްލައަށް ވަޒަންކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.

އެހެންކަމުން މިއީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށްވެސް ލިބިގެންދާ ފަހި ފުރުސަތެކެވެ.

މަހްޖޫބު ޝުޖާއު ވިދާޅުވީ އޭވިއޭޝަން ދާއިރާގެ ކުރިއެރުމަށް ކުރާ މަސައްކަތަށް މި މުހިންމު ހަރަކާތުން އަލިއަޅުވާލެވިގެންދާނެ ކަމަށާއިވޭތުވެދިޔަ އަހަރުތަކުގައި އިންފްރާސްޓްރަކްޗާ ބަދަލުކޮށް އޮޕަރޭޝަނަލް ކެޕޭސިޓީ ފުޅާކުރުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށެވެ.

އެއާ ސަރވިސް ވޯލްޑް ކޮންގްރެސް 2024 އަށް މަންދޫބުންނަށް މަރުޙަބާ ދެންނެވުމަށާއި، މި ކޮންގްރެސް އަކީ ކާމިޔާބު ކޮންގްރެސް އަކަށް ހެދުމަށް އެމްއޭސީއެލް އިން އަންނަނީ ތައްޔާރުވަމުންނެވެ.

މި ކޮންގްރެސް އޮންނާނީ އަންނަ އަހަރު ޖުލައިމަހުގެ ތެރޭގައިއެވެ.