ހއ. ބާރަށު ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު ތަރައްގީކުރުމާއެކު 3 ރަށެއްގައި ކުޅިވަރު ވަސީލަތްތައް ގާއިމްކުރަން ހަވާލުކޮށްފިއެވެ.

ޔޫތް މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި ބާރަށު ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު ތަރައްގީކުރުމުގެ މަޝްރޫއު ހަވާލުކުރީ ލައިކަންސް އިންވެސްޓްމަންޓާއެވެ.

Ad
rt

110 ދުވަހުގެ ތެރޭގައި ނިންމާގޮތަށް މި މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ ހަތަރުމިލިއަން ހަލައްކަ ދެހާސް ހަސަތޭކަ ފަންސާސް ނުވަ ރުފިޔާ ހަތްލާރިއަށެވެ.

ލ. ފޮނަދޫ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު ތަރައްގީކުރުން ހަވާލުކޮށްފައިވަނީ ވެސް އެ ކުންފުންޏާއެވެ. ހަތަރު މިލިއަން ހަތަރު ލައްކަ ހަތަރުހާސް ހަސަތޭކަ ނުވަދިހަ ފަސްރުފިޔާ ހަތްލާރި އަށް ހަވާލުކުރި މި މަސައްކަތް ވެސް 110 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.

މި ދެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އަޒްމީލްއެވެ. ތްރީ ޓްރީ މޯލްޑިވްސް ގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ވެރިފަރާތް އަބްދުﷲ ކަލީމްއެވެ.

މީގެ އިތުރުން ނ. ފޮއްދޫ އައުޓްޑޯ ވޮލީކޯޓް ތަރައްގީކުރަން މެކްސްޓަރ މޯލްޑިވްސް އާ ވެސް ވަނީ ހަވާލުކޮށްފައެވެ.

އެ މަސައްކަތް ހަވާލުކުރީ އެއްމިލިއަން ތިންލައްކަ ފަސްދޮޅަސް ފަސްހާސް ނުވަސަތޭކަ ސާޅީސް ހަތަރު ރުފިޔާ އަށްޑިހަ ހަލާރިއަށެވެ. މި މަސައްކަތް 55 ދުވަސް ތެރޭގައި ނިންމަންޖެހެއެވެ.

މި އެއްބަސްވުމުގައި ޔޫތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޕަރމަނަންޓް ސެކެރެޓަރީ ހުސައިން ޝަރީފްއެވެ. މެކްސްޓަރ މޯލްޑިވްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ލޮޖިސްޓިކް ސުޕަރވައިޒަރ އަބްދުﷲ އިބްރާހިމްއެވެ.