ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގެ ޓޫރިޒަމް ޒޯނުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުން، ޓޫރިޒަމް ވިޔަފާރިއަށް ދޫކުރާ ބިންތަކުގެ ތެރެއިން 10000 (ދިހަހާސް) އަކަފޫޓުގެ ހަތަރު ބިމަށް އާދަޔާ ޚިލާފް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

މި ބިންތަކަށް ބިޑު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އިއްޔެ ހެނދުނު ހަނިމާދޫ ކައުންސިލުގެ މީޓިން ހޯލުގައި ބާއްވަން ތާވަލު ކޮށްފައި އޮތް ނަމަވެސް، މަޢުލޫމާތު ސާފުކުރަން ހާޟިރުވި ފަރާތްތައް އިތުރުވެ އެތަނުގައި އެ ބައްދަލުވުން ބޭއްވޭވަރު ނުވުމާއިއެކު، މަޢުލޫމާތު ދިނުމުގެ ބައްދަލުވުން ބާއްވާފައި ވަނީ ހަނިމާދޫ އިޖުތިމާއީ މަރުކަޒު ހޯލުގައެވެ.

Ad
rt

މި ނޫހާއި މަޢުލޫމާތު ހިއްސާ ކުރައްވަމުން ހަނިމާދޫ ކައުންސިލުގެ ނައިބް ރައީސް ފިރާޤު މުޙައްމަދު ވިދާޅުވީ 10000 އަކަފޫޓުގެ ހަތަރު ބިމަށް ބީލަން ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް މަޢުލޫމާޓު ދިނުމުގެ ބައްދަލުވުން ކުރިއަށް ގެންދަން އެ ކައުންސިލުން ނިންމީ 40 މީހުންގެ ޖާގައިގެ އެ ކައުންސިލުގެ މީޓިން ހޯލުގައި ކަމަށާއި ނަމަވެސް އެ ބައްދަލުވުމަށް 75 ކުންފުންޏެއްގެ ފަރާތުން ބޭފުޅުން ވަޑައިގަތުމާއިއެކު އެތަނުގައި އެ ބައްދަލުވުން ބޭއްވޭވަރު ނުވުމުން، އެ ބައްދަލުވުން ކުރިއަށް ގެންދެވިފައިވަނީ އިޖުތިމާއީ މަރުކަޒު ހޯލުގައި ކަމަށެވެ.

ފިރާގު އިތުރަށް ވިދާޅުވީ ހަނިމާދޫގެ މި ބިންތަކަށް ޝަޢުޤުވެރިވެ މި ބައްދަލުވުމަށް ރާއްޖޭގެ ބައެއް ބޮޑެތި ކުންފުނިތަކުން ވެސް ހާޟިރުވެފައިވާ ކަމަށާއި، މިއީ މިހާތަނަށް ބިޑަކާއި ގުޅިގެން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް އެންމެ ގިނަ ފަރާތްތަކުން ޙާޟިރުވީ ފަހަރު ކަމަށެވެ.

ފިރާޤު އިތުރަށް ވިދާޅުވީ ހަނިމާދޫގައި ޓުއަރިޒަމް ވިޔަފާރި ކުރުމަށް ގިނަ ފަރާތްތަކަކުން ޝަޢުޤުވެރި ވުމަކީ، ހަނިމާދޫގައި މި ވިޔަފާރި ކުރިއަރުވަން އޮތް ފުރުޞަތު ބޮޑުކަން ހާމަވެގެންދާ ކަމެއް ކަމަށެވެ.

މި ހަތަރު ބިމަށް ބިޑް ހުށަހެޅުމަށް ބާއްވާ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އޮގަސްޓް މަހުގެ 3 ވަނަ ދުވަހުގެ 10:30 ގައި އެ ކައުންސިލުގެ މީޓީން ރޫމުގައެވެ.

މީގެ އިތުރުން ހަނިމާދޫ ޓޫރިޒަމް ޒޯނުން، ޓޫރިޒަމްގެ ވިޔަފާރި ކުރުމަށް ދޫކުރަން ނިންމާފައިވާ 5000 (ފަސްހާސް) އަކަފޫޓުގެ އަށް ބިމަށް ބިޑް ހުށަހަޅަން ބޭނުންވާ ފަރާތްކަށް ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުން މި މަހުގެ 24 ވަނަ ދުވަހުގެ 10:30 ގައި ހަނިމާދޫ ކައުންސިލުގައި ބޭއްވުމަށް ވަނީ ތާވަލު ކޮށްފައެވެ.

ހަނިމާދޫ ޓޫރިޒަމް ޒޯނުގައި ހިމެނޭ ބިމުގައި މިހާރުވެސް ސިޓީ ހޮޓަލެއް ހިންގަމުން އާދެއެވެ. ހަނިމާދޫ އިންޓަނޭނަލް އެއާޕޯޓް ބޮޑު ކުރުމުގެ ބޮޑު މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިގެން މިހާރު އެ މަސައްކަތް ބާރަށް ކުރިއަށް ދާއިރު، އެއާޕޯޓް ނިމި ސީދާ ބޭރުގެ ގައުމުތަކަށް ހަނިމާދޫއިން ދަތުރުކުރެވެން ފެށުމުން އެ ރަށުގެ ޓޫރިޒަމް ވިޔަފާރިއަށް ފަސޭހަ ފަހި ފުރުޞަތުތަކެއް ހުޅުވިގެންދާނެއެވެ. ސަރުކާރުން ހިންގާ އެއާޕޯޓް ބޮޑު ކުރުމުގެ މަޝްރޫޢުއާއި ގުޅިގެން ހަނިމާދޫގެ ބިމިގެ ޑިމާންޑް މިހާރު ވެސް ވަނީ މައްޗަށް ދާން ފަށާފައެވެ.