ހއ. ތުރާކުނު ރައްޔިތުންގެ ބޭނުމަށް ވަނގާރު ދޭން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީ ގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން ރިޔާސީ ކެމްޕެއިނަށް ހއ. އަތޮޅުގެ ބައެއް ރަަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ސާލިހު ވިދާޅުވި ތުރާކުނާ އެއް ފަޅެއްގައި އޮންނަ ވަނގާރު، ޓޫރިޒަމަށް ނުނަގައި ތުރާކުނު ރައްޔިތުން އެދުނު ގޮތަށް އެ ރަށުގެ އިހުތިސާސްގައި ހިމަނާނެ ކަމަށެވެ.
"ޓޫރިޒަމް ތަރައްގީ ކުރުމަށް އަޅުގަނޑުމެން ލިސްޓު ކޮށްފައި އޮތް ވަނގާރު، ކައުންސިލްގެ އެދުމާއި ރައްޔިތުންގެ އެދުމާއެކު އެ ރަށް ޓޫރިޒަމްގެ ބޭނުމަށް ނުނަގައި މި ރަށު ރައްޔިތުންނަށް އެ ރަށް ބޭނުން ކުރެވޭނެ ގޮތަށް އަޅުގަނޑުމެން ހަމަޖައްސައިދޭނަން." ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެރަށް ތުރާކުނު ރައްޔިތުންގެ އިހުތިސާސްގައި ހިމެނުމަށް ނިންމީ ދަނޑުވެރިކަން ކުރުމަށާއި ތުރާކުނަށް ދިމާވެފައިވާ ބިމުގެ ޖާގައިގެ ދަތިކަމަށް ހައްލު ހޯދައިދިނުމަށް ކަމަށެވެ.
މީގެ ކުރީ ސަރުކާރުތަކުން ތުރާކުނު އޮތީ ބާކީކޮށްލާފައިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެންމެ އަސާސީ ހިދުމަތްތައް ވެސް ނުލިބޭ ކަމަށެވެ.
އެހެންނަމަވެސް މި ސަރުކާރުން ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތެއް ނުކުރާނެ ކަމަށާއި އެގޮތުން މި ސަރުކާރުން ތުރާކުނަށް ގެނެސްދެއްވާފައިވާ ތަރައްގީގެ މަޝްރޫއުތައް ވަނީ ވިދާޅުވެފައެވެ.
ވަނގާރުގައި ރިސޯޓު ތަރައްގީކުރުމަށް ވިއްކާލަން ނިންމީ 2016 ވަނަ އަހަރުއެވެ. އެއީ 2.8 މިލިއަން ޑޮލަރަށެވެ.
މީގެ އިތުރުން ރައީސް ވަނީ ކުރިއަށް އޮތް 5 އަހަރު، ތުރާކުނުގައި ޒުވާނުން ބޭނުންވާގޮތަށް ފުޓްބޯޅަ ދަނޑު ފުރިހަމަކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ. އަދި ބަނދަރު ބޮޑުކޮށްދީ، ފުރިހަމަކޮށްދޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!