ހއ. އުލިގަމު ބަނދަރު ތަރައްގީ ކޮށްދޭނީ ޔޮޓްތައް ކައިރިކުރެވޭ ގޮތަށް ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ެކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އެ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އުލިގަމަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ރައީސް ވިދާޅުވީ މިގޮތަށް ނިންމެވީ، ޔޮޓު ފަހަރު ކައިރި ކުރެވޭނެ ގޮތަށް އެ ރަށު ބަނދަރު ބޮޑުކޮށްދިނުމަށް ކައުންސިލުން ވެސް އެދިފައިވުމާއި ގުޅިގެން ކަމަށެވެ.

އެގޮތުން އުލިގަމަކީ ޓޫރިޒަމަށް ވެސް ފައްކާ ވެފައި އޮތް ރަށެއް ކަމަށާއި ޔޮޓުތަކުން އަންނަ މީހުންނަށް ވެސް ބޭނުން ކުރެވޭނެ ގޮތަށް ބަނދަރު ތަރައްގީ ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެރަށު ބަނދަރު ބަނދަރު ބޮޑުކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމަށް އެމްޓީސީސީއާ ހަވާލު ކޮށްފައިވަނީ އެއް އަހަރާއި ހަ މަހުން ނިންމާގޮތަށް 79.8 މިލިއަން ރުފިޔާ އަށެވެ.

ރާއްޖޭގެ އެންމެ އުތުރުގެ ސަރަހައްދު ހުރަސްކޮށް ސްރީ ލަންކާ، އިންޑިއާ، މެލޭޝިއާ އަދި ތައިލެންޑް ފަދަ ގައުމުތަކުން ރެޑް ސީ ހުރަސްކޮށް ޔޫރަޕަށް ގިނަ އަދަދެއް ޔޮޓުތައް ދަތުރުކުރާއިރު، އެފަދަ ޔޮޓުފަހަރު މަޑުކޮށްލާ މަންޒިލެއްގެ ގޮތުގައި އުލިގަމު އޮންނަނީ މަޝްހޫރުވެފައެވެ.

ކޮންމެ އަހަރެއްގެ ވެސް ޖެނުއަރީން އޭޕްރީލްގެ ނިޔަލަށް ގިނަ އަދަދެއްގެ ޔޮޓް މި މަގުން ދަނީ ދަތުރުކުރަމުންނެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު، މި އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް 70 އަށްވުރެ ގިނަ ޔޮޓު އެ ރަށުގައި ވަނީ ބަނދަރުކޮށްފައެވެ.

މީގެ އިތުރުން ރައީސް ވަނީ ކުރިއަށް އޮތް 5 އަހަރު އުލިގަމަށް ކޮށްދެއްވާނެ ބައެއް ކަންކަން ވެސް ހާމަކުރައްވާފައެވެ. އެގޮތުން ސިއްހީ މަރުކަޒުގެ ފެންވަރު ރަނގަޅުކޮށް، އިތުރަށް ތަރައްގީ ކުރުމާއި ބޯހިޔާވަހިކަމަށް ހައްލެއް ހޯދައިދީ، ފްލެޓު ނުވަތަ ރޯހައުސް އަޅައިދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ހަމަމިއާއެކު މައި މަގު ތާރު އަޅައި، ޒަމާނީ ފެންވަރަށް ހަދައިދޭނެ ކަމަށް ވެސް ވިދާޅުވިއެވެ.