ބިލެތްފަހި ހިމެނޭހެން އިތުރު ދެ ރަށެއްގައި އެއާޕޯޓް އެޅުމަށް ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފި

IMG_8537

ށ. ބިލެތްފަހި ހިމެނޭހެން އިތުރު ދެ ރަށެއްގައި އެއާޕޯޓް އެޅުމަށް ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީން، ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓާއި ހަވާލުކޮށްފައިވަނީ ބ. ތުޅާދޫ، ތ. ވިލުފުށި އަދި ށ. ބިލެތްފަހީގައި އެއާޕޯޓް އެޅުމަށް ބިން ހިއްކުމުގެ މަސައްކަތެކެވެ.

މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސިވަރާޖާ މަނިވައްނަންއެވެ.

މި ރަސްމިއްޔާތުގައި ތުޅާދޫ ދާއިރާގެ މަޖިލިސް މެމްބަރު ހިސާން ހުސައިން އަދި ކަނޑިތީމު ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫއުގެ ދަށުން ތުޅާދޫގައި އެއާޕޯޓް އެޅުމަށް ބޭނުންވާ 44.70 ހެކްޓަރު ބިން ހިއްކުމަށް ނިންމާފައިވާއިރު، ވިލުފުށީ އެއާޕޯޓް އެޅުމަށް ބޭނުންވާ 56.34 ހެކްޓަރުގެ ބިން ހިއްކާނެއެވެ. އަދި ބިލެތްފަހި އެއާޕޯޓް އެޅުމަށް ބޭނުންވާ 56.34 ހެކްޓަރުގެ ބިން ވެސް ހިއްކުމަށް ވަނީ ނިންމާފައެވެ.

280 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 42،450،783.48 ޑޮލަރަށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *